ސްޕާސް ބަލިވުމުން ތާވަލުގެ ހަތަރުވަނަ މަގާމަށް ފޯރިގަދަވެއްޖެ

ނިއުކާސްލަށް ދެ ލަނޑު ޖަހައިދިން އެލެގްޒެންޑާ އިސާކް -- ފޮޓޯ/ ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ނިއުކާސްލްއިން ކާމިޔާބުކުރުމުން އެ ލީގުގެ ހަތަރުވަނައަށް ވާދަކުރާ ޓީމުތަކުގެ ފޯރި އިތުރުވެއްޖެއެވެ.

ނިއުކާސްލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު 4-0 އިންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ސްޕާސްއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލުންނެވެ. މެޗުގައި ނިއުކާސްލް ފެނިގެންދިޔައީ ހަމަލާއަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކުޅެމުންދިޔަ ތަނެވެ. އަދި، ސްޕާސްއަށް ނިއުކާސްލްގެ ހަމަލާތައް ދިފާއުކުރުމުގައި ދަތިތަކާ ކުރިމަތިވަމުންދިޔަތަން މުޅި މެޗުގައި ވެސް ފެނިގެންދިޔައެވެ.

ނިއުކާސްލްގެ ފުރަތަމަ ލަނޑު ޖަހައި، މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައި އެލެގްޒެންޑާ އިސާކް ޖަހައިދިން ލަނޑުންނެވެ. މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އެންތަނީ ގޯޑަން ޖަހައިދިން ލަނޑާ އެކު ނިއުކާސްލްއިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ.

ނިއުކާސްލްގެ ތިންވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އިސާކެވެ. އަދި، ފަހު ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖަހައިދިނީ ފަބިއަން ޝާއެވެ.

މި ކާމިޔާބީއާ އެކު ނިއުކާސްލް މިހާރު ވަނީ 32 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި، ސްޕާސް އޮތީ 60 ޕޮއިންޓާ އެކު ތާވަލްގެ ފަސް ވަނައިގައެވެ. އެއީ، ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާއާ އެއް ވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ވިލާއަށް ކުރި ލިބޭތީއެވެ.

މެޗުން ސްޕާސް ބަލިވުމުގެ ފައިދާ ނަގައި ސްޕާސްއާ ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް މެންޗެސްޓާ ޔުނައިޓެޑަށް ލިބިގެންދިޔަ ފުރުސަތު އެ ޓީމުން ވެސް ވަނީ ބޭކާރުކޮށްލައިފައެވެ. އެއީ، އޭއެފްސީ ބޯންމޯތާއި ދެކޮޅަށް ކުޅުނު މެޗު 2-2އިން އެއްވަރުވުމުންނެވެ. މިއާއެކު ޔުނައިޓެޑް އޮތީ ނިއުކާސްލްގެ ފަހަތުން 50 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައިގައެވެ. ވިލާއާއި ސްޕާސްގެ ދެމެދުގައި މިހާރު އޮތީ އެންމެ ގޯލެއްގެ ތަފާތެވެ.

comment ކޮމެންޓް