ޕާޓީތަކުގެ އިސް މަގާމުތައް އަންހެނުންނަށް މާ ރަނގަޅަށް އަދާކުރެވޭނެ: ދުންޔާ

ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ދުންޔާ މައުމޫން: ރައްޔިތުންނަށް އިޚުލާސްތެރިކަމާ އެކު ޚިދުމަތް ކުރައްވާނެ ކަމަށް ދުންޔާ ވިދާޅުވި -- ފޮޓޯ/ ދުންޔާ މައުމޫން

ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތައް އަންހެނުންނަށް މާ ރަނގަޅަށް އަދާކުރެވޭނެ ކަމަށް، މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވިއިރު ބައެއް ދާއިރާތަކުގައި އަންހެނުން ވަރަށް މަދުވާނެ ކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި ގާނޫނީ ދާއިރާ ހިމެނޭކަން ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ އެ ދާއިރާތަކުގައި މަސައްކަތް ކުރަން އޭރު ގިނަ އަންހެނުން ޖެހިލުންވާ ކަމަށެވެ.

އެ މަންޒަރު މިހާރު ބަދަލުވެފައިވީ ނަމަވެސް އަދިވެސް އަންހެނުންގެ ހިއްސާ އިތުރުކުރަން ޖެހޭ ދާއިރާތައް ހުރި ކަމަށާއި އޭގެ ތެރެއިން އެއް ދާއިރާއަކީ ސިޔާސީ ދާއިރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ވަރަށް ހިތާމަކުރަން އަދިވެސް މަޖިލީހުގައި އަންހެނުން ވަރަށް މަދު، އަނެއްކާ މަޖިލިސް ގޮނޑިއަކަށް ކުރިމަތިލައިގެން ނުކުންނަ އަދަދުތައް ވެސް މަދު،" ދުންޔާ ވިދާޅުވިއެވެ.

މަޖިލީހަށް ވާދަކުރާ ފިރިހެނުންނާ އަޅައިބަލާއިރު އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް އިތުރުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވަރަށް ގާބިލު އަންހެނުން ވާދަކުރާއިރު ވެސް، އަންހެނަކަށް ވީތީ ގޮނޑި ނުލިބޭ މަންޒަރު ފެންނަ ކަމަށެވެ.

"އަންހެނުންނަށް ވެއްޖެއްޔާ ގިނައިން މި އަންނަނީ ވަރަށް ގިނަ ފާޑުކިޔުންތައް، ވަރަށް ގިނައިން ބަލާ އެބަ، ޒާތީ ގޮތުން ޖައްސާލާ އެ ބޭފުޅުންގެ ޕާސަނަލް ލައިފްއިން ވެސް ހަމަ އެކިއެކި ކަންތައްތައް ނަގައިގެން. އެހެންވީމަ ވަރަށް ގިނަ އަންހެނުން ބިރުގަނޭ، ޖެހިލުންވޭ،" ދުންޔާ ވިދާޅުވިއެވެ.

އެއާ ޚިލާފަށް ފިރިހެން ކެންޑިޑޭޓުންނަށް އަމާޒުކުރާ ސުވާލުތައް މަދުކަމަށާއި ތައުލީމީ ގޮތުން ގާބިލުތޯ އާއި ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ބަލާ މިންވަރު މަދުކަމަށް އޭނާ ވިދާޅުވިއެވެ.

ކަން އެހެން އޮތް ނަމަވެސް ސިޔާސީ ދާއިރާގައި އަންހެނުން ބައިވެރިވުމުގެ މުހިންމުކަން ކިޔައިދެއްވަމުން ދުންޔާ ވިދާޅުވީ އެ ދާއިރާގައި އަބަދު "ހަނގުރާމައަކަށް" ނުގޮސް، ސުލްހަވެރިކަމާއެކު މަޝްވަރާތަކަށް ހައްލު ހޯދުމުގައި އަންހެނުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ.

"ޕާޓީތަކުގައި ވެސް އަޅުގަނޑަށް ހީވަނީ އަންހެން ބޭފުޅުންނަށް އެ ދައުރު މާ ރަނގަޅަށް ކުޅުއްވޭނެހެން، އެކަކު އަނެކަކާ ޖައްސާލައި ފުރައްސާރަ ކުރުމަކުން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށް ނެތް،" އޭނާ ވިދާޅުވިއެވެ.

މަޖިލީހަށް އަންހެނުން ވާދަކުރަން ބާރު އަޅުއްވައި ދުންޔާ އެދިވަޑައިގަތީ ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ހިތްވަރު ކޮށްގެން ކުރިއަށް ދިޔުމަށެވެ.

"ދަތި ކަންތައް ހުންނާނެ، އުނދަގޫ ކަންތައް ހުންނާނެ. އެކަމަކު ހިތްވަރު ލިބޭނެ ކަމާއި ހިތްވަރު ލިބޭނެ ގޮތްގޮތް ވެސް ހޯދައިގެން ކުރިއަށް ދިޔުން އަޅުގަނޑަށް ހީވަނީ ވަރަށް މުހިންމުހެން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން 2013އިން 2016އަށް ކުރެއްވި ދުންޔާ ވަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

comment ކޮމެންޓް