އެމެރިކާއަށް ބޭނުންވާ ޗިޕް އުފެއްދުމަށް ޓައިވާންގެ ކުންފުންޏަކަށް 6.6 ބިލިއަން ޑޮލަރު ހުށަހަޅައިފިއެވެ.
ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ފާސްކޮށްފައިވަނީ، ޓައިވާން ސެމިކޮންޑަކްޓަ މެނުފެކްޗަރިން ކޮމްޕެނީ (ޓީއެސްއެމްސީ)އިން އެމެރިކާގައި މައިކްރޯޗިޕް އުފައްދާ މިންވަރު ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ފެޑެރަލް ސަބްސިޑީގެ ގޮތުގައި 6.6 ބިލިއަން ޑޮލަރާ ހަމައަށް ދިނުމަށެވެ.
އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ބުނީ، މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސެމިކޮންޑަކްޓަރުތައް މިފަދަ މިންވަރަކަށް އުފައްދަން ފަށާ ފުރަތަމަ ފަހަރު ކަމަށެވެ. ޓީއެސްއެމްސީއަށް އެމެރިކާގެ އެރިޒޯނާގެ ފީނިކްސްގައި މިހާރުވެސް ހަދަމުން އަންނަ ދެ ފެސިލިޓީގެ އިތުރުން އަލަށް އިއުލާނުކުރި ތިންވަނަ ފެބް ނުވަތަ ޗިޕް ފެކްޓްރީއެއް އެޅުމުގެ ފުރުސަތު ލިބެއެވެ.
ކޮމާސް ސެކްރެޓަރީ ޖީނާ ރައިމޮންޑޯ ވިދާޅުވީ މިއީ ހުރިހާ އާޓިފިޝަލް އިންޓެލިޖެންސަށް ބާރުދޭ ޗިޕްތަކެއް ކަމަށާއި އެއީ އިގްތިސާދާއި 21 ވަނަ ގަރުނުގެ އަސްކަރީ އަދި ގައުމީ ސަލާމަތާ ބެހޭ ވަސީލަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީތަކަށް ބޭނުންވާ ބައިތައް ކަމަށެވެ.
މި ސަބްސިޑީތައް ލިބިފައިވަނީ ޑޮމެސްޓިކް ޗިޕް އުފެއްދުން އަލުން ދިރުވައި، ޓީއެސްއެމްސީ ފަދަ އޭޝިއާގެ ސަޕްލަޔަރުންނަށް އެމެރިކާ ބަރޯސާވުން ކުޑަކުރުމަށް ރައީސް ބައިޑަން މިދިޔަ އަހަރު ތަސްދީގުކުރެއްވި 52 ބިލިއަން ޑޮލަރުގެ ޗިޕްސް އެންޑް ސައިންސް ގާނޫނުގެ ދަށުންނެވެ. މި ފަންޑުގެ ސަބަބުން، 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޗިޕްތަކުގެ ގާތްގަނޑަކަށް 20 އިންސައްތަ އުފައްދާނީ އެމެރިކާގައި ކަމަށް ބެލެވެއެވެ.
ޓީއެސްއެމްސީއިން މިހާރު ވަނީ އެރިޒޯނާގެ ތިން ފެބްގައި 65 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައެވެ. މި މަޝްރޫއުތަކުގެ ސަބަބުން 6،000އަށް ވުރެ ގިނަ އުފެއްދުންތެރިކަމުގެ ވަޒީފާ، 20،000 ކޮންސްޓްރަކްޝަން ވަޒީފާ އަދި ސަޕްލަޔަރުންނާ އެކު އިތުރު އެތައް ހާސް މަގާމެއް އުފެދޭނެ ކަމަށް ބެލެވެއެވެ.
ވައިޓް ހައުސްގެ ނޭޝަނަލް އިކޮނޮމިކް ކައުންސިލްގެ ޑިރެކްޓަރު ލައިލް ބްރެނާޑް ވިދާޅުވީ އެންމެ ޒަމާނީ ޗިޕް އެރިޒޯނާގައި އުފެއްދުމަށް ޓީއެސްއެމްސީން ވެފައިވާ ވައުދަކީ އެމެރިކާގެ ސެމިކޮންޑަކްޓާ އިންޑަސްޓްރީއަށް އާ ބާބެއް ކަމަށެވެ.