ޔަމަނުން އެމެރިކާގެ "އެމްކިޔު-9 ރީޕާ" މަރުކާގެ އަސްކަރީ ޑްރޯނެއް ވައްޓާލައިފި

އެމެރިކާގެ "އެމްކިޔު-9 ރީޕަރ" މަރުކާގެ ޑްރޯނެއް

ސަންއާ (29 އެޕްރީލް 2024) : ޔަމަންގެ ހޫޘީ ޖަމާއަތުން ހަމަލާދީ އެމެރިކާގެ "އެމްކިޔު-9 ރީޕާ" މަރުކާގެ އަސްކަރީ ޖާސޫސީ ޑްރޯނެއް ވައްޓާލައިފިއެވެ.

މި ޑްރޯން ވައްޓާލާފައިމިވަނީ އެމެރިކާއިން ހޫޘީންގެ އަމާޒުތަކަށް ދެމުންގެންދާ ވައިގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުންކަމަށް ހޫޘީންގެ ތަރުޖަމާނު ކާނަލް ޔަހްޔާ ސަރީއު ވިދާޅުވިއެވެ.

އެމެރިކާގެ "އެމްކިޔު-9 ރީޕާ" މަރުކާގެ ޑްރޯން ވައްޓާލުމުގެ ކުރިން ހޫޘީންވަނީ ރަތްކަނޑުން ދަތުރު ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރަކަށް ވެސް ޙަމަލާދީ އެޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އިނގިރޭސިވިލާތަކީ ހޫޘީންގެ އަމާޒުތަކަށް ޙަމަލާދީ އުދުވާން ހިންގުމުގައި އެމެރިކާއާ އެންމެ ބޮޑަށް ބައިވެރިވާ ގައުމެވެ.

ޙޫޘީ ޖަމާޢަތުގެ ތަރުޖަމާނު ކާނަލް ޔަޙްޔާ ސަރީޢު ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ކަމުގައިވާ އެމްވީ އެންޑްރޯމެޑާ ސްޓާއަށް ހަމަލާދިނީ ބާބުލްމަންދަބު ކަނޑުއޮޅިއާ ކައިރިން ރަތްކަނޑުގައި އެ ޓޭންކަރު ދަތުރުކުރަމުން ގެންދަނިކޮށެވެ.

މި ހަމަލާގައި އެ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެކަމަށާއި މިއީ އިނގިރޭސިވިލާތަށް ދިން ވަރުގަދަ މެސެޖެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޫޘީން ފުރަތަމަ ހަމަލާ ދޭން ފެށީ ރަތްކަނޑާއި ބާބުލްމަންދަބު ކަނޑުއޮޅި ހުރަސްކުރާ އިސްރާއީލުގެ އާގު ބޯޓުތަކަށާއި ތެޔޮ ޓޭންކަރުތަކަށް އެކަންޏެވެ. އެއީ އިސްރާޢީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާއި ޓެރަރިޒަމްގެ ދިފާއުގައި އެމެރިކާއާއި އިނގިރޭސިވިލާތް ނުކުމެ ހޫޘީންގެ އަމާޒުތަކަށް ތަކުރާރުކޮށް ހަމަލާތައް ދޭން ފެށުމުން ހޫޘީން ވަނީ އިސްރާއީލުގެ ބޯޓުތަކުގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުގެ ބޯޓުތަކަށް ވެސް ހަމަލާތައް ދޭން ފަށާފައެވެ.

ފާއިތުވި ހަ މަސްތެރޭގައި އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ 97 ބޯޓަކަށް (އާގު ބޯޓުތަކާއި ތެޔޮ ޓޭންކަރުތައް ހިމެނޭގޮތަށް) ހޫޘީން ހަމަލާތައް ދީފައިވެއެވެ. މި ހަމަލާތަކުގައި އިނގިރޭސިވިލާތުގެ ބިޔަ އާގު ބޯޓެއް ރަތްކަނޑަށް ފައްތާލާފައި ވެސްވެއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން ހޫޘީންގެ އަމާޒުތަކަށް ތަކުރާރުކޮށް ހަމަލާތައް ދީ ހޫޘީންނަށް ބޮޑެތި ގެއްލުންތަކެއް ދެމުންގެންދާ ކަމަށް އެ ދެ ގައުމުން ބުނި ނަމަވެސް ރަތްކަނޑާއި ބާބުލްމަންދަބު ހުރަސްކުރާ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ބޯޓުތަކަށް ހޫޘީން ދޭ ހަމަލާތަކަށް ކުޑަ ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ހޫޘީންގެ ޑްރޯންތަކާއި މިސައިލްތައް ހުންނަނީ ބިމުއަޑީގައެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން ބޮންއަޅަނީ ބިންމަތީގައި ހުންނަ ހޫޘީންގެ ޑަމީ ހަތިޔާރުތަކަށެވެ. އެހެންކަމުން އެ ދެގައުމުގެ ހަމަލާތަކުން ޙޫޘީންނަކަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ.

comment ކޮމެންޓް