އިމްރާން ޚާންގެ 14 އަހަރުގެ ޖަލު ހުކުމް ސަސްޕެންޑުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން.ފޮޓޯ/ރޮއިޓާސް

ޚިޔާނާތުގެ ކުށް ސާބިތުވެ، މިހާރުވެސް ޖަލުގައި އޮންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ދެކަނބަލުންގެ މައްޗަށް އިއްވައިފައިއޮތް 14 އަހަރުގެ ޖަލު ހުކުމެއް ސަސްޕެންޑުކުރަން އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ.

އެގޮތަށް ހުކުމް ކުރީ ދައުލަތުގެ ހަދިޔާތަކެއް ވިއްކި ކަމަށް ބުނާ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޯޓަކުން އިއްވާފައިވާ ހުކުމަކާ މެދު ކަމަށް އިމްރާން ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާނު ތަހްރީކީ އިންސާފް (ޕީޓީއައި) އިން ބުނެއެވެ. އަދި އެގޮތަށް އަމުރުކުރީ ހުކުމްތަކުގެ އިސްތިއުނާފު ކުރިއަށްދާތީ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ސާދަ އަހަރުގެ ޖަލު ހުކުމް ފަސްކުރި ނަމަވެސް، 71 އަހަރުގެ އިމްރާންގެ މައްޗަށް އިއްވައިފައިވާ އިތުރު ހުކުމްތަކުގެ ސަބަބުން އޭނާ ޖަލުން މިނިވަނެއްނުވެއެވެ. ހުކުމްތަކުގެ ސަބަބުން, ފެބްރުއަރީ އަށް ވަނަ ދުވަހު ބޭއްވި ޕާކިސްތާނުގެ އާންމު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތުވެސް އިމްރާނަށް ގެއްލުނެވެ.

އިސްތިއުނާފް ކުރި ހުކުމުތަކަށް ގޮތެއް ނިންމާނީ އީދު ބަންދަށްފަހު ކަމަށް އިސްލާމްއާބާދުގެ ހައިކޯޓުން ބުނެއެވެ.

އިމްރާނާއި އޭނާގެ އަންހެނުންގެ މައްޗަށް ސާބިތުވީ ހަދިޔާގެ ގޮތުގައި ލިބިފައިވާ 140 މިލިއަން ޕާކިސްތާނު ރުޕީސް ނުވަތަ 500،000 ޑޮލަރުގެ އަގުހުރި ތަކެތި ގަވާއިދާ ޚިލާފަށް ވިއްކުމުގެ ދައުވާއެވެ.

އިމްރާން ވެރިކަމުން ދުރުކޮށްފައި ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާ އަޑީގައި އޮވެގެން ކަމަށް އިމްރާނާއި އޭނާގެ ޕާޓީން ބުނެއެވެ. ނަމަވެސް އަސްކަރިއްޔާއިން އެ ވާހަކަތައް ދޮގުކުރެއެވެ.

ޕާކިސްތާނުގައި ސަރުކާރުތައް އުފެއްދުމާއި ވައްޓައިލުމުގައި ވެސް އަސްކަރިއްޔާގެ ނުފޫޒު ވަރަށް ބޮޑެވެ. ކުރިން 1947 ވަނަ އަހަރު އިނގިރޭސިވިލާތުގެ އަތްދަށުން މިނިވަންވި ފަހުން ޕާކިސްތާނުގައި އަސްކަރީ ވެރިކަން ކުރަމުން އަންނައިރު، ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވެރިކަމުން ދުރުކޮށްފައި ވަނީ އަސްކަރިއްޔާގެ ނުފޫޒުން ކަމަށް ތުހުމަތުކުރެއެވެ.

comment ކޮމެންޓް