މިފްކޯގެ ސީއިއޯ ސަމާހުގެ ސަސްޕެންޝަން މުއްދަތު އިތުރުކޮށްފި

މިފްކޯގެ ސީއީއޯ: މިއަދު އޭނާގެ ސަސްޕެންޝަނުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި --

މުސާރަ ހިނގާ ގޮތަށް، ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން މުއްދަތު މިއަދު އިތުރު ކޮށްފިއެވެ.

އޭނާގެ ސަސްޕެންޝަން ގެ މުއްދަތު މިއަދު ހަމަވުމާއެކު މާދަމާއިން ފެށިގެން އަންނަ މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުކޮށް ޕީސީބީން ވަނީ އެކަން އޭނާއަށް އަންގައިފައެވެ.

މި މަހުގެ 18 ވަނަ ދުވަހު ސަމާހް ސަސްޕެންޑުކުރުމާ ގުޅޭ ގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނީ، އޭނާއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު އޮތް މަޖިލީހުގެ އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ ކޮމިޓީއަށް ސަމާހުގެ އިތުރުން ޕީސީބީގެ ބޯޑުގެ މެންބަރުން ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރައްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ ސަމާހު ސަސްޕެންޑުކުރީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ސަބަބުންތޯ ބަލަން ޖެހޭ ކަމަށެވެ.

ޕީސީބީން ސަމާހަށް ކުރާ ތުހުމަތުތަކާ ގުޅޭ ސިޓީއެއް މީގެ ކުރިން މީސްމީޑިއާގައި ލީކް ކޮށްލައިފައިވެއެވެ. އެ ސިޓީގައި ޕީސީބީން ވަނީ މައިގަނޑު 12 ތުހުމަތެއް އަމާޒުކޮށްފައެވެ.

އެގޮތުން، އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުންކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

އެކަމަކު، މީސްމީޑިއާގައި ދައުރުވި ސިޓީއާ ގުޅިގެން ޕީސީބީން ރަސްމީ ގޮތުން އެއްޗެއް ނުބުނެއެވެ.

comment ކޮމެންޓް