މިފްކޯގެ ސީއީއޯ ސަސްޕެންޑްކުރި މައްސަލަ މަޖިލީހުން ބަލަނީ

މިފްކޯގެ ސީއީއޯ: އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފައި --

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯ އަޙުމަދު ސަމާހު ރަޝީދު ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ނިންމައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ސަމާހް ސަސްޕެންޑުކުރުމާ ގުޅޭ ގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނީ، އޭނާއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު އޮތް މަޖިލީހުގެ އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ ކޮމިޓީއަށް ސަމާހުގެ އިތުރުން ޕީސީބީގެ ބޯޑުގެ މެންބަރުން ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރައްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ ސަމާހު ސަސްޕެންޑުކުރީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ސަބަބުންތޯ ބަލަން ޖެހޭ ކަމަށެވެ.

"..މިހާރު އެ ހިނގާ ކަމަކީ މިފްކޯގައި އޮތް ކޮރަޕްޝަނަކާ ދެކޮޅަށް މިފްކޯގެ ސީއީއޯ މަސައްކަތް ކުރެއްވީމާ ދެން އޭނައަށް ހުރި ގޮންޖެހުންތަކެއްތޯ، އަދި މި ހާލަތުގައި ޕީސީބީން އަމިއްލައަށް އިސްނަގައިގެން ދުވަހަކު ވެސް ކަންތައްތައް ނުކުރާ ބީދައަކުން ކަންކަން ކުރާކަން އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ،" ބޮންޑެ ވިދާޅުވިއެވެ.

ޕީސީބީން ސަމާހަށް ކުރާ ތުހުމަތުތަކާ ގުޅޭ ސިޓީއެއް މީގެ ކުރިން މީސްމީޑިއާގައި ލީކް ކޮށްލައިފައިވެއެވެ. އެ ސިޓީގައި ޕީސީބީން ވަނީ މައިގަނޑު 12 ތުހުމަތެއް އަމާޒުކޮށްފައެވެ.

އެގޮތުން، އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުންކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

އެކަމަކު، މީސްމީޑިއާގައި ދައުރުވި ސިޓީއާ ގުޅިގެން ޕީސީބީން ރަސްމީ ގޮތުން އެއްޗެއް ނުބުނެއެވެ.

comment ކޮމެންޓް