ބާކީވާ ކާނާ އުކައިނުލާ ބޭނުންކުރެވިދާނެ ގޮތްތަކެއް އެނގޭތަ؟

ކާ ތަކެތި އުކާލުމުގެ ބަދަލުގައި ބޭނުންކުރެވޭނެ ގޮތްތައް ހޯދުމަކީ އިސްރާފުކުރުން ހުއްޓުވޭނެ ކަމެއް -- ފޮޓޯ/ފުޑްނެޓްވޯކް

ރަމަޟާން މަހަކީ އެކި ވައްތަރުގެ ކެއުންތައް ކާ މޭޒުމަތީގައި ތިޔާގި މައްސަރެކެވެ. ހާއްސަކޮށް އެކި ވައްތަރުގެ ކުޅި، ފޮނި ހެދިކާ ތަކެތިން ބައެއް ގެތަކުގެ މޭޒުތައް ފުރާލާއިރު ބޮޑެތި ކެއުންތައް ބައެއް ގޭގޭގައި ތައްޔާރުކުރެއެވެ. އެކި ވައްތަރުގެ ކެއުންތައް ތައްޔާރުކުރުމުގައި ޚަރަދު ކުޑަގޮތަކަށް އެކަން ކުރި ނަމަވެސް ގިނަ ގެތަކުގައި ކާ ތަކެތި ބާކީވެފައި ހުރެއެވެ.

އެހެން މަސްތަކާ ޚިލާފަށް ރަމަޟާން މަހު ވަރަށް ގިނައިން ކާން ބޭނުންވި ނަމަވެސް ރޯދަ ވީއްލުމަށްފަހު އެކަން އޮންނަނީ ބަދަލުވެފައެވެ. މި ސަބަބާހުރެ ވެސް ގޭގައި ތައްޔާރުކުރާ ކާ ތަކެތި ގިނަވެ ބާކީވުމަށް މެދުވެރިވެއެވެ. މިގޮތަށް ބާކީވެފައި ހުންނަ ކާ ތަކެތި އުކާލުމުގެ ބަދަލުގައި ޖެހިގެން އަންނަ ދުވަހު ނުވަތަ ހަފުތާގެ އެހެން ދުވަހަކަށް ތަފާތު އެހެން ވައްތަރެއްގެ ކެއުމެއް ތައްޔާރުކުރަން ބޭނުން ކުރެވިދާނެއެވެ.

ރަމަޟާން މަހަކީ ގިނަ ބަޔަކު އެއްވެ ކެއުންތަކަށް އިންސާފުކުރުން އާއްމު މައްސަރެއް-- ފޮޓޯ/ޕިންޓްރެސްޓް

މިސާލަކަށް މަހުގެ ބާވަތެއް ބާކީވެފައި ހުރެއްޖެ ނަމަ ސޭންޑްވިޗް މަސްގަނޑު ތައްޔާރުކޮށްލުމަށް ނުވަތަ ތައްޔާރުކުރާ ސެލެޑުގެ ޕްރޮޓީން ބޫސްޓުކުރުމަށް ބޭނުން ކުރެވިދާނެއެވެ. އެހެން ނޫނީ މީރު ބިސްގަނޑެއް ނޫނީ ސްކްރެމްބްލްޑް އެގްސް ކަހަލަ އެއްޗެއް ތައްޔާރުކޮށްލަން ބޭނުން ކުރެވިދާނެއެވެ.

ހާރުކެއުމަށްފަހު ބާކީވެފައި ހުރި ބަތްތެލިން ފްރައިޑް ރައިސް ނުވަތަ ކޮންމެ ވެސް ކަހަލަ ތަރުކާރީ ބަތެއް ނުވަތަ ނޫނީ ފަސޭހަ ސޫޕެއް/ބަތްޕެން ކަހަލަ ކެއުމެއް ތައްޔާރު ކޮށްލެވިދާނެއެވެ.

އެންމެ ގިނައިން ރޯދަ މަހު ބޭނުންކުރާ އެއް ބާވަތަކީ ބަނަސް ނުވަތަ ޕާނުގެ ބާވަތެވެ. ޕާނަކީ ނުވަތަ ބަނަހަކީ ގަންނައިރު ވެސް އޭގެ މުއްދަތު ހަމަވާ ތާރީޚު އެނގޭ ބާވަތެކެވެ. ބާކީވާ ޕާން ބޭނުންކޮށްގެން ކޮންމެ ވެސް ކަހަލަ ފޮނި ކާއެއްޗެއް ތައްޔާރުކޮށްލާށެވެ. ނޫނީ ކޮންމެ ވެސް ކަހަލަ ސެލެޑަކަށް ބޭނުންކުރުމުގެ އިތުރުން ސޫޕް ތައްޔާރުކުރާއިރު ސައިޑް ޑިޝްއަކަށް ވެސް ޕާން ޓޯސްޓުކޮށްގެން ބޭނުން ކުރެވިދާނެއެވެ.

ގޭގައި ބާކީވާ ކާ ތަކެތި ބޭނުންޖެހިފައިވާ ބަޔަކަށް ދިނުމަކީ ކާ ތަކެތި އިސްރާފުކުރުމުގެ ނޭދެވޭ އަމަލާ ދުރުވެވޭނެ ކަމެއް-- ފޮޓޯ/ޕިންޓްރެސްޓް

ރަމަޟާން މަހަކީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ހެޔޮ ދަރުމަ ހޯދުމަށް ގިނަ ބަޔަކު ގަދައަޅާ މަސައްކަތްކުރާ މައްސަރެކެވެ. އެހެންކަމުން ގޭގައި ތައްޔާރުކުރާ ކާތަކެތިން ބާކީވާ ކެއުންތައް ބޭނުންޖެހިފައިވާ ކޮންމެ ވެސް ބަޔަކަށް ހަދިޔާކޮށްލުމަކީ މި މަހުގެ ދަރުމަ އެބަޔަކަށް ލިބޭނެ ކަމެކެވެ.

comment ކޮމެންޓް