މި މީހާ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދީ ގަސްތަކެއްގައި ބައްދައިގެން

އަބޫބަކުރު ތާހިރު ޖަންގަލީގެ ގަސްތަކެއްގައި ބައްދާލައިގެން--ފޮޓޯ/ފޭސްބުކް

އެއްގަޑިއިރު ތެރޭ ގިނަ އަދަދެއްގެ ގަސްތަކެއްގައި ބައްދައިގެން، ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

މި ރެކޯޑް ހެދީ އުތުރު އެފްރިކާގެ ގާނާއަށް ނިސްބަތްވާ ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ އަބޫބަކުރު ތާހިރު ނަމަކަށް ކިޔާ މީހެކެވެ.

ޖީނިއަސް ވޯލްޑް ރެކޯޑު ވެބްސައިޓުގައި ބުނެފައިވާ ގޮތުން އަބޫބަކުރު މި ރެކޯޑު ހެދުމަށް މަސައްކަތް ކޮށްފައިވަނީ އަލަބާމާގެ ގައުމީ ހަތަރު ޖަންގަލީގެ ތެރެއިން ތުސްކެގީ ނަމަކަށް ކިޔާ ޖަންގަލީގައެވެ.

ހަރުކަށި ޤަވާއިދުތަކަކާ އެކު ކުރިޔަށްދިޔަ މި ހަރަކާތުގައި އަބޫބަކުރަށް އިރުޝާދު ދެވިފައި ވަނީ، ގަސްތަކުގެ ވަށައިގެން ދެ އަތް ގާތުން ހިފަހައްޓައިގެން ހުރެ ގަސްތަކުގައި ބެއްދުމާ އެކު އެއްވެސް ގަހެއްގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ނުބެއްދުމަށެވެ.

އަދި މިގޮތަށް ގަސްތަކުގައި ހިފަހައްޓާލާއިރު ނުވަތަ ބައްދާލާއިރު އެއްވެސް ގަހަކަށް ގެއްލުމެއް ނުދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކުން އަބޫބަކަށް ވަނީ އިރުޝާދު ދީފައެވެ.

އަބޫބަކުރު ތާހިރު ދުނިޔޭގެ ރެކޯޑު ފޮތް (ޖީނިއަސް ވޯލްޑް ރެކޯޑް)ގެ ޓީމުގެ މެމްބަރުންނާއެކު--ފޮޓޯ/ފޭސްބުކް

މި އަހަރުގެ ރަމަޟާން މަސް ތެރޭ ރޯދައަށް ހުރެ މި ހަރަކާތް ކުރިޔަށް ގެންދިޔައިރު ކަރުހިއްކުމުގެ އިހުސާސް ކުރެވުމުން ގޮންޖެހުންތަކަކާ ކުރިމަތިވިކަމަށް އަބޫބަކުރު ވަނީ ބުނެފައެވެ. އެހެންނަމަވެސް ކެތްތެރިކަމާ އެކު އޭނާ ވަނީ އެއް ގަޑިއިރުތެރޭ މުޅި އެކު 1123 ގަހުގައި ބައްދާލުމަށްފަހު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ.

އަބޫބަކުރު މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި ބުނެފައި ވަނީ އެންމެ އުނދަގޫވީ ގަސްތަކުގެ މެދުގައި އަވަސް އަވަހަށް ހިނގަމުން ދިޔައިރު، ވަކިމިންގަނޑަކަށް ފެތޭގޮތަށް ހިނިތުންވެ ހުރުމަށް ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ލިބުނު މި ކާމިޔާބީ އަކީ، އިކޯ ސިސްޓަމްގައި ގަސްތަކަށް ދެވިފައިވާ މުހިއްމުކަމާއި ތިމާވެށި ޙިމާޔަތް ކުރުމުގެ މުހިއްމުކަން ދޭހަކޮށްދޭ މާނަހުރި އިޝާރާތެކެވެ.

ހަމައެއާއެކު މިއީ ދުނިޔޭގައި ހިމާޔަތް ކުރެވިފައިވާ ޖަންގަލިތައް ރައްކާތެރިކުރުމަށް ބޮޑެތި ޖަމިއްޔާތަކާ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވިދާނެ ކަމުގެ އުއްމީދެއް ކަމަށް އަބޫބަކުރު ވަނީ ބުނެފައެވެ.

comment ކޮމެންޓް