ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރަން އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.
އީސީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނީ، އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު ހޮނިހިރު ދުވަހުގެ 10:00އިން ފެށިގެން ހުޅުވައިލާނެ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ސޮއި ކުރުން ކުރިއަށް ދާނީ، ހޮނިހިރު ދުވަހާޢި އާދިއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:00އިން 12:00ގެ ނިޔަލަށް ކަމަށެވެ.
ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު، ދަރުބާރުގޭގައި ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
އީސީން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ސޮއި ކުރަނީ ކެންޑިޑޭޓު ކަނޑައަޅާ މީހެއްނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ސޮއިކުރާ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓަރީގައި ސޮއި ކުރަން އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، ސޮއި ކުރަން އަންނައިރު ގެންނަން ޖެހޭނެ ކަމަށްވެސް އީސިން ބުނެފައިވެއެވެ.
އަންނަ މަހުގެ 21ގައި އޮންނަ މަޖިލިސް އިންތިޚާބުގައި ޖުމުލަ 93 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ.