ކޮލިޓީ ބޭހުގެ ފުރަތަމަ ޝިޕްމެންޓަށް އޯޑަރު ދީފި

ހެލްތު މިނިސްޓަރު މިއަދު މަޖިލީހުގައި: ވިދާޅުވީ ބޭސް އެތެރެކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޝިޕްމެންޓުގެ އޯޑަރުދެވިފައިވާ ކަމަށް -- ފޮޓޯ/ މަޖިލިސް

ރާއްޖޭން ބޭރުން ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޝިޕްމެންޓަށް މިހާރު އޯޑަރު ދީފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން މިނިސްޓަރު ވަނީ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެެއްވާފައެވެ.

މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ވަނީ ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ގެންނަ ވާހަކަ މި ސަރުކާރުން ދައްކާތާ ދުވަސްވެއްޖެކަން ފާހަގަ ކުރައްވައި، އެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުއްވުމަށް މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

އަދި ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ގަވާއިދެއް ހަދައި، ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، އެ ގަވާއިދު ތަންފީޒު ކުރެވެނީ ކިހާ މިންވަރަކަށްތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

މި ސުވާލުތަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭން ބޭރުން ފެންވަރު ރަނގަޅު ބޭހުގެ ފުރަތަމަ ޝިޕްމެންޓުގެ އޯޑަރުދީފައިވާއިރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އެ ބޭސްތައް ގުދަން ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ވަމުންދާ ކަމަށެވެ.

ބޭހުގެ އެންމެ ރަނގަޅު އަސަރުކުރާނީ ކަނޑައެޅިފައިވާ ވަކި ފިނިހޫނުމިނެއްގައި ބަހައްޓައިގެންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބޭސް ގުދަންކުރާއިރު ތަނުގެ ފިނިހޫނުމިން މޮނީޓާ ކުރެވޭނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން މިހާރު އޯޑަރުދެވިފައިވާ ބޭހުގެ އެންމެ ފުރަތަމަ ޝިޕްމެންޓް އެސްޓީއޯއިން ގުދަންކުރާއިރު، އެ ގުދަންތަކަކީ އެ މެކޭނިޒަމް ގާއިމް ކުރެވިފައިވާ ތަންތަނަށް ހެދުމަށް މަސައްކަތްކުރާ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޓެމްޕަރޭޗާ ވޭރިއޭޝަން މޮނިޓާ ކުރެވޭ ގޮތަށް ކަމަށެވެ.

"އެހެންވީމާ އެމްއެފްޑީއޭއަށް އެނގިގެންދާނެ، މިނިސްޓާ އޮފް ހެލްތަށް އެނގިގެންދާނެ، ޓެމްޕަރޭޗާ ވޭރިއޭޝަން ޕްރޮޖެކްޓް ނިމިގެންދާއިރު އިރާދަކުރެއްވިއްޔާ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން ބޭސް އެތެރެކުރާގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަދި ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް އެ މަނިކުފާނު ވަނީ ނިންމަވައިފައެވެ.

ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ނުލިބި، ނުރައްކާތެރި މާއްދާތައް އެކުލެވޭ ބޭސްތައް ބައެއް ފަހަރު އެތެރެ ކުރާ މައްސަލައަކީ އާންމު ޝަކުވާއެކެވެ.

އެގޮތުން ދިވެހިން އާންމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ވެސް ބޭނުންނުކުރަން މީގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފައިވެއެވެ.

comment ކޮމެންޓް