ބްރެޒިލް އަތުން އިންގްލަންޑް ބަލިވެއްޖެ

ބްރެޒިލްގެ ހަމައެކަނި ލަނޑު ޖަހައިދިން ޒުވާން ކުޅުންތެރިޔާ އެންޑްރިކް / ފޮޓޯ: ޔާހޫ ސްޕޯޓްސް

މިއަހަރުގެ ޖޫން އާއި ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދީ ބޮޑު ދެ މުބާރާތް ކަމަށްވާ ޔޫރޯ 2024އަށް ތައްޔާރުވަމުންދާ އިންގްލަންޑާއި ކޮޕާ އެމެރިކާ 2024އަށް ތައްޔާރުވަމުންދާ ބްރެޒިލްގެ މެދުގައި ކުޅުނު ބައިނަލްއަޤްވާމީ ރަހްމަތްތެރިކަމުގެ މެޗު ބްރެޒިލްއިން ކާމިޔާބު ކޮށްފިއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ބްރެޒިލްއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު އިންގްލަންޑްއިން ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ހަމަހަމަ ކޮށެވެ.

ކުރިއަށް އޮތް ދެ މުބާރާތަށް ތައްޔާރުވަމުންދިއުމުގެ ސަބަބުން މިދެޓީމުގެ ކޯޗުންވެސްވަނީ ތަޖުރިބާކުރުމުގެ ގޮތުން އާ ބައެއް ކުޅުންތެރިންނަށް ފުރުސަތުދީފައެވެ. މިމެޗުގައި އިންގްލަންޑާއި ބްރެޒިލްގެ ފަރާތުންވެސް އެންމެ މޮޅު ކުޅުމެއް ނުފެންނަކަން ފާހަގަވިއެވެ. އެގޮތުން އިންގްލަންޑްގެ ޓީމުގެ ޑިފެންސްގެ ބަލިކަށިކަން މެޗުގައިވެސް ފާހަގަވިއެވެ. އަދި ދެޓީމުން ވެސް ތަޖުރިބާ އާއި ހުނަރަށް ބަލާއިރު ގިނަ ތަރިންތަކެއް ފެނުނު ނަމަވެސް ޓީމެއްގެ ގޮތުގައި ރަނގަޅަށް ކުޅުނު ތަން މާބޮޑަށް ފެނިގެނެއް ނުދެއެވެ.

މިމެޗުގައި އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭން އާއި ބުކާޔޯ ސާކާ އަނިޔާގެ ސަބަބުން ނުކުޅޭއިރު އެޓީމުގެ ކެޕްޓަންކަން ކުރަމުންދިޔަ ކައިލް ވޯކާއަށް ވެސް 20 ވަނަ މިނެޓުގައި އަނިޔާވެ ދަނޑުން ބާލަން ޖެހުނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ބްރެޒިލްއިންނެވެ. ނަމަވެސް ލޫކަސް ޕަކުއެޓާ ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލަންޑް ގޯލްގެ ދަނޑިއަށެވެ.

މިމެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެޒިލްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި އުމުރުން 17 އަހަރުގެ އެންޑްރިކްއެވެ. މިއީ އެންޑްރިކް ބްރެޒިލް ޤައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މިލަނޑާއެކު އެންޑްރިކް ވެފައިވަނީ ވެމްބްލީގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާގެ އުމުރަކީ 17 އަހަރާއި 246 ދުވަހެވެ.

އެންޑްރިކްއަކީ ރޮނާލްޑޯއަށްފަހު ބްރެޒިލް ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އަދި އެންޑްރިކް ބެލެވިފައިވަނީ މުސްތަގްބަލްގައި ދުނިޔޭގެ ފެންވަރުގައި ވިދާލާނެ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެންޑްރިކް މިހާރުވެސްވަނީ ސްޕެނިޝް ލަލިގާގެ ރެއާލް މެޑްރިޑް އާއެކު އެއްބަސްވުމަށް އައިސްފައެވެ. އަދި އޭނާގެ އުމުރުން 18 އަހަރު ފުރުމާއެކު އޭނާ ރެއާލްއާ ގުޅޭނެއެވެ.

މިމެޗުގައި އެންޑްރިކްގެ އިތުރުން އިންގްލަންޑް ޓީމަަށް މުޅިން އަލަށް ކުޅުނު އެންތަނީ ގޯޑަން އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޮބީ މައިނޫގެ ކުޅުންވެސް ފާހަގަވިއެވެ.

މިއީ ކޮޕާ އެމެރިކާއަށް ތައްޔާރުވަމުންދާ ބްރެޒިލް ޓީމަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ. މިފަހަރުގެ ކޮޕާ އެމެރިކާގައި ބްރެޒިލް ހިމެނެނީ ކޮލަމްބިއާ އާއި ޕަރަގުއާއީ އާއެކު ގްރޫޕް ޑީގައެވެ. މިމެޗުން ބަލިވުމުން އިންގްލަންޑްގެ ކޯޗު ގެރެތު ސައުތުގޭޓްއަށް ކުރިއަށް މުބާރާތް ފެށުމުގެ ކުރިން ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން މިވަނީ ހާމަވެފައެވެ. މިފަހަރުގެ ޔޫރޯ މުބާރާތުގައި އިންގްލަންޑް ހިމެނެނީ ޑެންމާކް، ސާބިއާ އަދި ސްލޮވީނިއާ އާއެކު ގްރޫޕް ސީގައެވެ.

comment ކޮމެންޓް