މީހެއްގެ ލަގެޖުން ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

މަސްތުވާތަކެތި -- ފޮޓޯ/ ކަސްޓަމްސް

ވައިގެ މަގުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި މަސްތުވާތެކަތި އަތުލައިގެންފައިވަނީ މި މަހު 12 ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއަށް ދަތުރުކުރި ޕާކިސްތާނުގެ އުމުރުން 56 އަހަރުގެ ފިރިހެނެއްގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ، އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުވެގެން ބަލައި ފާސްކުރިއިރު، ބަރުދަނުގައި 5.30 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރިއިރ،ު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ހެރޮއިން"އަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ތަކެތީގެ މަގުމަތީ އަގަކީ 5,300,000.00 (ފަސް މިލިއަން ތިން ލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދިނެވެ.

މި މައްސަލައިގައި އަތުލައިގަތް މީހާއާއި އަތުލައިގެނެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނާ ޙަވާލުކޮށްފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު ވެސް ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ. މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ ތުހުމަތުގައި ދޭތެރެއަކުން މީހުން ހައްޔަރުކުރެއެވެ.

comment ކޮމެންޓް