ސައުދީން އޭއައިއަށް 40 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

ސައޫދީގެ އޭއައި ރޮބޮޓް އިފްތިތާޙް ކުރުން -- ފައިލްފޮޓޯ: ރޮއިޓާސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަށް 40 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރަން ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

އޭއައި ޓެކްނޮލޮޖީގެ މުސްތަގުބަލަށް މިހާބޮޑު ޚަރަދެއް ކުރަން ސައުދީ އަރަބިއްޔާއިން ނިންމާފައިވާއިރު، ތެލުގެ މުއްސަނދިކަން ލިބިފައިވާ އެ ގައުމުން ބޭނުންވަނީ އޭއައި ކުންފުނިތަކާއެކު ފުޅާދާއިރާއެއްގައި އިންވެސްޓް ކުރުމަށް ކަމަށް ޓެކް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސާޅީސް ބިލިއަން ޑޮލަރުގެ މި ފަންޑުގެ ސަބަބުން ސައުދީ އަރަބިއްޔާ ވާނީ އޭއައިގެ ދާއިރާގައި ދުނިޔޭގެ އެންމެ ބޮޑު އެއް ސިންގަލް އިންވެސްޓަރަށެވެ. މި ފަންޑަކީ އެންމެ ބޮޑެތި ވެންޗާ ކެޕިޓަލް ފާމްތަކުގެ އިންވެސްޓްމަންޓް ޕޫލްތައް ވެސް ފަހަތަށް ޖައްސާލާ ފަންޑެއް ކަމަށްވާއިރު، މިއަށްވުރެ ބޮޑު ހޭދައެއް އޭއައިއަށް ކުރަނީ ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ސޮފްޓްބޭންކުން އެކަންނެވެ. އެކުންފުނިން ނިންމާފައިވަނީ އޭއައިއަށް 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރަން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ސައުދީ އަރަބިއްޔާގެ 900 ބިލިއަން ޑޮލަރުގެ ސޮވެރިން ވެލްތު ފަންޑު ކަމަށްވާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ވޯލް ސްޓްރީޓް ބޭންކްތަކުގެ އެހީގައި، އޭއައި ފަންޑު އެއްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފަންޑުގެ އަމާޒަކީ އޭއައިގެ ދުނިޔޭގައި އިންވެސްޓްކުރުމާއި، އޭއައި މޮޑެލްތައް ތަރައްގީކުރާ ސްޓާޓްއަޕްތަކަށް އެހީތެރިވުމާއި، އޭއައި ސިސްޓަމްތަކަށް ބާރު ދިނުމަށް ޗިޕްސް އަދި އެޑްވާންސް އޭއައި ކޮމްޕިއުޓިންއަށް ބޭނުންވާ ބޮޑެތި ޑޭޓާ ސެންޓަރުތައް އުފެއްދުމެވެ.

ސައުދީގެ އޮފިޝަލުން ވަނީ ސިލިކަން ވެލީގެ މަޝްހޫރު ވެންޗާ ކެޕިޓަލް ފާމް އަންދްރީސަން ހޮރޯވިޓްޒްއާ އެކު މި މަސައްކަތުގައި ބައިވެރިވުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އިންވެސްޓްމަންޓްތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި އަންދްރީސަންގެ ގޮތްޕެއް ގާއިމުކުރުމަށް ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

މި ފަންޑުން ދޭހަކޮށްދެނީ ތެލުގެ ވިޔަފާރިއަށް ވުރެ އިތުރަށް އިގްތިސާދު ސިންދަފާތުކޮށް، ޓެކްނޮލޮޖީގެ ބޮޑު ބާރަކަށް ވުމަށް ސައުދީ އަރަބިއްޔާއިން އަޒުމް ކަނޑައަޅައިފައިވާ ކަމެވެ. ނަމަވެސް ސައުދީގެ އިންސާނީ ހައްގުތަކުގެ ރެކޯޑާއި 2018 ވަނަ އަހަރު ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ހާދިސާގެ ސަބަބުން ސިލިކަން ވެލީގެ ބައެއް މީހުން، ސައޫދީގެ މި ހުށަހެޅުން ބަލައިގަންނަން ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެދާނެ ކަމަށް ބައެއް އެނަލިސްޓުން ލަފާކުރައްވައެވެ.

ސައުދީގެ އާ ފަންޑުގެ ސަބަބުން، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޭއައި އިންޑަސްޓްރީގެ ގިނަ ދާއިރާތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ސައުދީއަށް ލިބިގެންދާނެ ކަމަށް ބައެއް ފަރާތަކުން ގަބޫލު ކުރެއެވެ.

comment ކޮމެންޓް