ފަސޭހަކަމާ އެކު އޭސީ މިލާން ވެސް ޔޫރޮޕާ ލީގުގެ ކުއާޓާއަށް

ކްރިސްޓިއަން ޕުލިސިޗް މިލާންގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދެނީ / ފޮޓޯ: ދި މޯގަންޓަން ނިއުސް ހެރަލްޑް

ޔުއޭފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން އިޓާލިއަން ސެރީއާގެ އޭސީ މިލާން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން މިލާން ޖާގަ ހޯދާފައިވަނީ ރައުންޑް އޮފް ސިކްސްޓީންގައި ޗެކް ފަސްޓް ލީގުގެ އެސްކޭ ސްލާވިއާ ޕްރާގާ ބައްދަލުކޮށް 7-3ގެ އެގްރިގޭޓު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު މިލާންގެ ދަނޑުގައި ކުޅެ 4-2އިން މިލާން ކާމިޔާބުކުރިއިރު ސްލާވިއާގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު 3-1 އިން ކާމިޔާބުކުރީ ވެސް މިލާނެވެ.

ދެ ޓީމުގެ ފަރާތުން ހަމަލާއަށް އިސްކަންދީގެން ކުޅެމުންދިޔަ މެޗުގެ އޮއެވަރު ބަދަލުވެގެންދިޔައީ މެޗުގެ 20 ވަނަ މިނެޓުގައި ސްލާވިއާގެ ކެޕްޓަން ތޯމަސް ހޯލްސް މިލާންގެ ކެޕްޓަން ޑޭވިޑު ކަލަބްރިއާއަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދެއްކި ހިސާބުންނެވެ. މެޗުގެ ބޮޑު ބައި އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެން ޖެހުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މިލާނަށް މެޗުގެ ކޮންޓްރޯލް ލިބިގެންދިއުމެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ޖަހައި މިލާނަށް ލީޑު ނަގައިދިނީ ކްރިސްޓިއަން ޕުލިސިޗެވެ. އޭގެ ތިން މިނެޓް ފަހުން މިލާންގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދިނީ ރުބެން ލޮފްޓަސް ޗީކެވެ. މެޗުގައި މިލާންގެ ތިންވަަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ޖަހައިދިނީ ރަފައެލް ލިއާއޯއެވެ.

މެޗުގައި ސްލާވިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓޭއި ޔުރަސެކްއެވެ.

މި ކާމިޔާބީއާ އެކު މިލާނުން ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އަދި، ކުއާޓާ ފައިނަލްގައި ބައްދަލުކުރާނެ ޓީމެއް އެނގިގެންދާނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމުންނެވެ.

comment ކޮމެންޓް