ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު (އިއްސޭ) މީހަކަށް 856،830.19 ރުފިޔާ ދޭން ޖެހިފައި އޮތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަކީ ސިޔާސީ ގޮތުން ފިއްތުންތަކެއް ކުރިމަތިކުރުވުމަށް ކުރި ހުކުމެއް ކަމަށް ތުހުމަތުކޮށް، ހުކުމް ބާތިލުކުރަން މިއަދު ހުށަހަޅައިފިއެވެ.
ސިވިލް ކޯޓުން ހުކުމްކުރީ، މަސައްކަތެއް ހިންގަން މެންބަރު އިއްސޭ ނިސްބަތްވާ ރ. ކަނދޮޅުދޫ މީހަކާ އެކު ހެދި އެއްބަސްވުމަކާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ، ހުށަހެޅި މައްސަލައެއްގައެވެ.
އެގޮތުން، 2018 ވަނަ އަހަރު މެންބަރު އިއްސޭއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތ. ކަނޑޫދޫ ސްކޫލުގެ ތިން ކްލާސްރޫމު އިމާރާތްކުރުމަށް ސަބްކޮންޓްރެކްޓަރުގެ ގޮތުގައި ވަނީ ދައުވާ ހުށަހެޅި މީހާއާ ހަވާލުކޮށްފައެވެ. އެ މީހާ އެ މަސައްކަތްކޮށްފައިވަނީ އަމިއްލަ ތަކެތީގައެވެ. އެއީ، ޖުމުލަ 1،281،830.19 ރުފިޔާއަށް ހަވާލުކުރި މަސައްކަތެކެވެ.
ދައުވާގައި ބުނެފައިވާގޮތުން މަސައްކަތްކުރި މީހާއަށް 425،000 ރުފިޔާ ދިނުމަށް ފަހު ބާކީ ފައިސާ ދީފައެއް ނުވެއެވެ.
އެހެންވެ، އެ މަސައްކަތްކުރުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާކަން ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ފެބްރުއަރީ 29ގައި ކުރި ހުކުމުގައި ވަނީ އެ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި 856،830.19 ރުފިޔާގެ ދަރަނި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަން އަންގައިފައެވެ.
އެ ހުކުމުގައިވާ ގޮތުން އެ މައްސަލައިގައި ދައުވާއިން ދިފާއުވާން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އިއްސޭ ހުށަހަޅާފައިނުވާތީ މައްސަލައިގެ ހުކުމްކޮށްފައިވަނީ ޣައިރު ހާޒިރުގައެވެ.
އެ ހުކުމާ ގުޅިގެން އިއްސޭ ނެރުއްވި ބަޔާނެއްގައި ވަނީ ސިވިލް ކޯޓުން މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ގެއްލިގެންދާ ގޮތަށް އޭނާގެ ޣައިރު ހާޒިރުގައި ކަމަށެވެ. އަދި މީގެ ކުރިން 2020 ވަނަ އަހަރު ވެސް މޫސާ ޚަލީލު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ކަމަށާއި އޭރު ކޯޓުން ނިންމީ ދަރަނި ސާބިތުނުވާ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބަޔާނުގައިވަނީ ސަބްކޮންޓްރެކްޓަރު، މޫސާ ޚަލީލާ އެކު ވެފައިވާ އެއްބަސްވުމުގައި ބުނާ މުއްދަތުގައި މަސައްކަތް ކުރިއަށް ގޮސްފައިނުވާތީއާއި މަސައްކަތް ފުރިހަމަވެފައިނުވާތީ އެފަރާތުގެ އަތުން މަސައްކަތް އަތުލުމުގެ ކުރިން، އެފަރާތުން ކުރި މަސައްކަތަށް ދޭންޖެހޭ ފައިސާއެއްނަމަ، 2019 ވަނަ އަހަރާ ހަމައަށް ދައްކާ ޚަލާސްކޮށްފައިވާނެ ކަމަށެވެ.
އަދި އިއްސޭ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާސްކޮށްފައިވާކަން އެ މައްސަލައިގައި ހުށަހެޅި ހުރިހާ ހެކިތަކުން ސާބިތުކޮށްދެވިފައިވާކަން، އެ ގަޒިއްޔާގެ ޙުކުމުން އެނގެން އޮންނާނެ ކަމަށް ވެސް ބުނެފައިވެެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން މީގެ ކުރިން ނިންމި ނިންމުމަކީ މޫސާ ޚަލީލުގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވާ، ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ނިންމުމެއް ކަމަށް ވެސް އިއްސޭގެ ބަޔާނުގައިވެއެވެ.
އޭނާ ވިދާޅުވީ ކޯޓެއްގައި ދެފަރާތެއްގެ ދެމެދު ހިނގި މައްސަލައިއެއްގައި ފައިސަލާކުރަނިވި ނިހާއީ ޙުކުމެއް ކުރެވިފައިވަނިކޮށް ހަމަ އެ ދެފަރާތް ހިމެނޭ، އެއް މައުލޫއުގެ މައްޗަށް އައު މައްސަލައެއް ހުށަހެޅުމުން ކޯޓުން އެ މައްސަލަ ބެލުމަކ،ީ ޤާނޫނީ ގޮތުން އިސްތިގުރާރުވެފައިވާ ރެސް ޖުޑިކަޓާގެ މަބްދައުގެ ދަށުން މަނާކުރާ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް ސިވިލް ކޯޓުން އިސްމާއީލުގެ މައްޗަށް ބޮޑު ދަރަންޏެއް ސާބިތުވާ ގޮތަށް ޙުކުމްކޮށްފައިވަނީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ކަމުގައި ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައަކީ ސިވިލް ކޯޓަށް ހުށަހެޅި ކުރިއަށް ގެންދެވިގެންވާނެ ދައުވާއަކަށް ވެސް ނުވާއިރު މިކަމަކީ ނިޒާމުގެ ނަހަމަ ބޭނުންކޮށްގެން އޭނާގެ މައްޗަށް ސިޔާސީ ގޮތުން ފިއްތުންތަކެއް ކުރިމަތިކުރުވުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް ވެސް އިސްމާއީލްގެ ބަޔާނުގައިވެއެވެ.