ފަލަސްޠީނާ ގުޅޭ ޢިލްމީ ފޯރަމެއް ބާއްވަނީ

އިސްލާމިކް ޔުނިވަސީޓި އޮފް މޯލްޑްވިސް

ރަމަޟާން މަހަށް ތައްޔާރުވުމާ ގުޅުވައިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑު ސުންނާއިން ޢިލްމީ ފޯރަމެއްް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި ފޯރަމް އޮންނާނީ މި ރޭ 08:30 ގައި އައިޔޫއެމްގެ ހޯލުގައެވެ. މި ޢިލްމީ ބައްދަލުވުން ޢަމާޒު ކޮށްފައިވަނީ މިއަދު ފަލަސްޠީނުގެ ރައްޔިތުންގެ ޙާލަތު، ޚާއްސަކޮށް ޤައްޒާގެ ރައްޔިތުންގެ ހާލަތު އޮޅުންފިލުވައި ދިނުމާއި އެތަނުގައި މި ވަގުތު ކުރަމުންދާ ހަނގުރާމައިން މުސްލިމު އުއްމަތަށް ލިބިގެންދާ އިބުރަތުން ފުރިގެންވާ ފިލާވަޅުތަކުގެ މައްޗަށެވެ.

މި ފޯރަމްގައި މައުލޫމާތު ދެއްވާނީ އައްޝައިހް އަބްދުލް އަޒީޒް ހުސައިންނާއި އަލްއުސްތާޒާ ސާމިޔާ ޒަކަރިއްޔާގެ އިތުރުން ޑރ. އަބްދުﷲ ޖަމީލެވެ.

ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ޑީން މުޙައްމަދު މަންޞޫރު އާދަމް ވިދާޅުވީ، މިއީ ރަމަޟާން މަހަށް ނަފްސު ތައްޔާރުކޮށްލުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ. މި ފޯރަމަށް ހާޒިރުވުމުން އިސްލާމީ އުއްމަތުގެ މިއަދުގެ ޙާލަަތު، އަދި ވަކިން ޙާއްސަކޮށް ފަލަސްޠީނުގެ ޢައްޒާގެ ރައްޔިތުންގެ އިހުސާސް އަޑުއިވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީހާގެ ނަފްސު ހޭލައްވާލާ އީމާންކަން ތާޒާވެގެންދާނެ ފަދަ މުހިއްމު މަޢުލޫމާތު މިރޭ ލިބިގެންދާނެކަމަށް މަންޞޫރު ވިދާޅުވިއެވެ.

ޢާއްމުންނަށް ހުޅުވާލެވިގެން ބާއްވާ މި ޢިލްމީ ފޯރަމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެލެއްވުމަށް ކުއްލިއްޔާގެ ޑީން ވަނީ އެދިލައްވައިފައެވެ.

ކުއްލިއްޔާ އޮފް ޤުރުއާން އެންޑު ސުންނާ ފާހަގަ ކުރެވެނީ ދިވެހި މުޖުތަމަޢު ހޭލުންތެރި ކުރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ހަރަކާތްތެރި މަރުކަޒެއްގެ ގޮތުގައެވެ.

comment ކޮމެންޓް