ހަމަލާގެ ޒިންމާ ނަންގަވައި އިސްރާއީލުގެ ޖާސޫސީ އިދާރާގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

އިސްރާއީލުގެ އަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ މޭޖާ ޖެނެރަލް އަހަރޮން ހަލިވާ. ފޮޓޯ/ޓައިމްސް އޮފް އިސްރާއީލް

މިދިޔަ އަހަރު އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާގެ ޒިންމާ ނަންގަވައި ކަމަށްބުނެ، އިސްރާއީލުގެ އަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ އިސްތިއުފާ ދެއްވައިފިއެވެ.

ޖާސޫސީ އިދާރާގެ ވެރިޔާ، މޭޖާ ޖެނެރަލް އަހަރޮން ހަލިވާއަކީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާއި އިސްރާއީލުގެ އަސްކަރިއްޔާއާ ދެމެދު އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގައި، ނާކާމިޔާބު ގަބޫލުކުރައްވައި އިސްތިއުފާ ދެއްވި އިސްރާއީލުގެ އިސް އޮފިޝަލުންގެ ތެރެއިން ފުރަތަމަ އޮފިޝަލެވެ.

އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް)އިން ބުނި ގޮތުގައި ހަލިވާ މަގާމުން ވަކިވެވަޑައިގަންނަވާނީ އެ މަގާމަށް އާ ބޭފުޅަކު ހަމަޖެހުމުންނެވެ.

"އަޅުގަނޑުގެ ދަށުން އިންޓެލިޖެންސް ޑިވިޝަން ހިންގިފައިވަނީ ހަވާލުކުރި ޒިންމާތައް ފުރިހަމަ ނުވާ ހާލުގައި،" ހަލީވާގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވެއެވެ.

"އެ އަނދިރި ދުވަސް އަހަރެންގެ މުޅި ހަޔާތާ ގުޅިފައި އޮންނާނެ،"

ހަލީވާ އިސްތިއުފާދީފައިވާއިރު، ހަނގުރާމައިގެ ކުރިން ހުޅަނގު އައްސޭރީގައި އިންސާނީ ހައްގުތަކާ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އަސްކަރިއްޔާގެ އަލްޓްރާ އޮތޮޑޮކްސް ނެޓްޒާ ޔަހޫދާ ބެޓޭލިއަންއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި ހަމާސްއަށް އަސްކަރީ ޕްރެޝަރު އިތުރުކުރާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

އަދި ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް އެއްގަމު މަގުން ހަމަލާތައް ދޭނެ ކަމަށް ނަތަންޔާހޫ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރަފަހްއަކީ ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ހިމާޔަތް ހޯދައިގެން ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.

ހަމާސް ނައްތާލުމުގެ ނަމުގައި އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް