މަގަށް ދަތިވާގޮތަށް ހުރި އުޅަނދުތައް ޓޯކުރަން ފަށައިފި

ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރުތައް ޕާކުކޮށްފައި: ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކުރަން ވަނީ ފަށާފައި -- ސަން ފޮޓޯ

މަގުތައް ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައިހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް މިއަދު ފުލުހުން ފަށައިފިއެވެ.

ގަވާއިދާ ހިލާފަށް މަގުތަކުގައި ޕާކުރުމުގެ މައްސަލަ ބޮއްސުންލާފައި އޮތުމުން އާދިއްތަ ދުވަހު ފުލުހުން ވަނީ އަނެއްކާ ވެސް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަން އިއުލާނުކޮށްފައެވެ.

ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަން ފުލުހުން އިއުލާނުކުރުމާ އެކު ގަވާއިދާ ހިލާފަށް ޕާކުކުރާ މައްސަލަ ވަނީ ބޮއްސުންލައިފައެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރު ޕާކުކުރުމާއި މާލޭގެ ހަނި ގޯޅިތަކުން އުޅަނދު ނުދުއްވޭގޮތަށް ސައިކަލުތައް ޕާކުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މަގު ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސް ވެފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

"މަގުތައް ތަރުތީބުކޮށް ބޭއްވުމުގައި އެންމެންގެ އެއްބާރުލުން މުހިންމު. ގަވާއިދާ ހިލާފަށް ޕާކު ނުކުރަމާތޯ،" ފުލުހުން ބުންޏެވެ.

މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންވެ، ޕާކިން ޒޯންތަކުގައި ނޫނީ ޕާކުނުކުރާން ފުލުހުން ވަނީ އެދިފައެވެ.

ބައެއް ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރޭތޯ ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެ ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. އެއީ،

  • ގްރީން ޒޯން
  • ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތައް
  • މަގުތަކާއި ގޯޅިތަކުގެ ކަންމަތި
  • ސްކޫލުތައް ހިމެނޭ ސަރަހައްދު
  • އޮފީސް އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ތަންތަނާއި މިސްކިތްތަކާއި އާންމު ގޭބިސީތަކާއި ގަރާޖުތަކުން ވަދެނުކުމެހަދާ ފަރާތްތަކަށް ދަތިވާނެހެން ޕާކުކުރުން

https://sun.mv/187590

އެކަމަކު، އާދިއްތަ ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުޅަނދުތައް ޓޯކުރަން ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.

މާލޭ ސަރަހައްދުގައި ޕާކް ކުރާނެ އިތުރު ޖާގަތައް ގާއިމްކުރެވެންދެން ޕާކިން ސްޓިކާ ޖެހުން މަޑުޖައްސައިލައިފައިވާކަން ފުލުހުން އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހުގެ އަށެއްގައެވެ. އޭގެ ފަހުން މަގުތަކުގެ ދެ ފަރާތުގައި ގިނަ އުޅަނދުތަކެއް ޕާކުކުރަމުން ދިޔުމުން ހިނގާ މީހުންނާއި ދުއްވާ މީހުންގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ޕާކިން ޖާގަ އިތުރުކުރުމަށްޓަކައި އަނެއްކާ ވެސް މާލޭގައި ޕާކިން ބިލްޑިންތައް އަޅަން މިހާރުގެ ސަރުކާރުން ވަނީ ނިންމައިފައެވެ. ވެހިކަލް ތޮއްޖެހުމުގެ މައްސަލަ މާލޭ ސަރަހައްދުގައި ބޮޑުވެ ޕާކިން ޖާގަ ނެތުން ވެފައިވަނީ ބޮޑު މައްސަލައަކަށެވެ.

comment ކޮމެންޓް