މަސްދުވަހެއް ތެރޭ 100 ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު، އުނގޫފާރު ކައުންސިލާ ބައްދަލުކުރައްވަނީ: އެ މަނިކުފާނު ވަނީ އުނގޫފާރުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

އަތޮޅު ތެރެއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެެރެއިން މަސް ދުވަހެއްގެ ތެރޭ 100 ރަށު ކައުންސިލާއި، 100 އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިހާރު ރައީސް ކުރައްވާ ދަތުރުފުޅަކީ ރޯދަމަސް ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށު ކައުންސިލަކާ ބައްދަލުކުރެއްވުމަށް ކުރައްވަމުން އަންނަ ދަތުރުފުޅެކެވެ.

ހުރިހާ ރަށަކަށް ޒިޔާރާތް ކުރުމުގެ ބަދަލުގައި ރައީސް ގެންދަވަނީ އަތޮޅުގެ އެކި ސަރަހައްދުތަކުގެ ބައެއް ރަށްތަކަށް ވަޑައިގެން ކައިރި ރަށްތަކުގެ ކައުންސިލުތަކާ ވެސް އެ ރަށްރަށުގައި ބައްދަލު ކުރައްވަމުންނެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު 100 ވަނަ ކައުންސިލެއްގެ ގޮތުގައި ބައްދަލު ކުރެއްވީ ރ. ރަސްގަތީމުގެ ކައުންސިލާއެވެ. މި ބައްދަލު ކުރެއްވުން ކުރިއަށް ދިޔައީ ރ. އުނގޫފާރުގައެވެ.

މީގެ ކުރިން ސަރުކާރުތަކުގައި ކައުންސިލުތަކުން ޖެހެނީ ރައީސާ ބައްދަލުކުރައްވަން ބޭނުންނަމަ މާލެ އަންނާށެވެ. ނަމަވެސް ރައީސް މީގެ ކުރިން ވިދާޅުވި ގޮތުގައި އެ މަނިކުފާނަށް އެ ގޮތް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އެހެންވެ ދައުރުގެ ދެ ފަހަރު ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ތ. އަތޮޅުން ފެށި މި ދަތުރުފުޅުގައި އައްޑު އަތޮޅަށާއި ގއ. އާއި ގދ. އަތޮޅަށް ވެސް މިހާރު ވަނީ ވަޑައިގެންފައެވެ. އަދި ހއ، ހދ، ށ، އަދި ނ. އަތޮޅަށް ވަޑައިގަތުމަށްފަހު މިހާރު ގެންދަވަނީ، ރ. އަދި ބ. އަތޮޅަށް ދަތުރުފުޅުކުރައްވަމުންނެވެ.

ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް