ޔާމީނަށް އަނިޔާ ދިން މީހުންގެ ބަހަށް ހެއްލި، މަސައްކަތްކުރައްވަނީ ސަރުކާރު ވައްޓާލަން: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި މިހާރުގެ ރައީސްގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ: ޔާމީނަށް އަނިޔާދިން މީހުންނާއެކު, އެ މަނިކުފާނު ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރައްވާ ކަަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާދިން މީހުންނާއެކު, އެ މަނިކުފާނު ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރައްވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްޞަ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.

ނ. މަނަދޫގައި މިރޭ އޮތް ޖަލްސާގައި ވާހަކަދައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ ވެރިކަން ނިމުމާ އެކުގައި އެ މަނިކުފާނަށް އަނިޔާދިނީ ކޮން ބަޔެއްކަން ރާއްޖޭގެ ރައްޔިތުން ދަންނާނެ ކަމަށެވެ.

"އޭރު ވެރިކަމުގައި ހުންނެވީ ކޮން ބޭފުޅެއްކަމެއް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަކަށް ނޯޅޭނެ. އެކަމަކު އެބޭފުޅުން މިއަދު ނުކުމެ ވަޑައިގެން އެބަ ވިދާޅުވޭ ރައީސް ޔާމީން މިނިވަން ވުމަށް ހުރަސް އަޅުއްވަނީ ޑރ. [މުޙައްމަދު] މުއިއްޒޭ. ވިދާޅުވާތީ އަޅުގަނޑު މި ދަންނަވަނީ މި ވަރު ނޭނގޭ ކުޑަކުދިން ހެއްޔޭ ރާއްޖޭގައި މިތިބީ،" އެމްޑީޕީގެ ވެރިކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހިތާމައަކީ ޔާމީނަށް އަނިޔާދިން މީހުންގެ ވާހަކަ މިހާރު އެ މަނިކުފާނު ގަބޫލުކުރައްވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މަނަދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ މޫސާ ނަދީމް

އެއީ ހެއްލުމެއްގެ ގޮތުގައި ސިފަކުރައްވައި، އެ ފަދަ ހެއްލުމެއްގެ ދަށުގައި ނުވުމަށް ރައްޔިތުންނަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

"އެއްގޮތަކަށް ވެސް އެކަހަލަ ހެއްލުމެއްގެ ދަށުގައި ނުވާށޭ. ހެއްލުމެއްގެ ދަށުގައި ވެއްޖެއްޔާ ގެއްލުމެއް ލިބޭނެ. މިއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ރިޔާސީ ނިޒާމެއް ގާއިމުކޮށްފައިވީ ނަމަވެސް ރައީސްގެ 'ހަތަރެސް ފައި ބަނދެވޭ ގޮތަށް' މަޖިލީހަށް ބާރުތައް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިޔާސީ ނިޒާމެއްގައި އެގޮތަށް ކަންތައް ކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިސެމްބަރު 25، 2022ގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން އަދިވެސް ހުންނެވީ ހުކުމުން ސަލާމަތްނުވެއެވެ. މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ޖަލު ބަންދަށް ބޮޑެތި ލުއިތަކެއްދީ ގޭބަންދަށް ބަދަލުކުރި ނަމަވެސް އެ މަނިކުފާނުގެ ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ވަނީ ދިގުލައިގެން ގޮސްފައެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި ޕީއެންއެފްގެ މަސައްކަތް ފެއްޓެވުމަށް ފަހު ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

comment ކޮމެންޓް