ކައުންސިލަރުންނާއި ފަނޑިޔާރުން ހިމެނޭހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކައުންސިލަރުންނާއި ފަނޑިޔާރުން ހިމެނޭހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކުރަން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގާނޫނު އަސާސީގެ 102 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތައް މުރާޖާ ކުރީއިރު މަޖިލީހުން ފުރަތަމަ މަޝްވަރާކުރީ މަޖިލީސް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަ ވެސް ބޮޑު ކުރާށެވެ.

އެކަމަކު، މެންބަރުންނާއި ރައީސްގެ މުސާރަ ބޮޑުކުރަން އުޅުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދު މަޖިލީހަށް ހުށަހެޅިއިރު، ރައީސާއި ނައިބު ރައީސް އަދި މެންބަރުންގެ ވާހަކައެއް ނެތެވެ. އެ ރިޕޯޓު ހުށަހަޅުއްވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި، ސަރުކާރުގެ ފަރާތުން ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން އެދިފައިވާ ގޮތަށް ކައުންސިލަރުންގެ މުސާރައާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސާއި ނައިބު ރައީސްގެ މުސާރަ ވެސް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް މިނިވަން މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރަން ވަނީ ނިންމައިފައެވެ.

އެގޮތަށް މުސާރަތައް ބޮޑުކުރަން ކޮމިޓީން ނިންމި ނިންމުން ތަޅުމުން ފާސްކޮށްފައިވަނީ 49 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ.

ފަނޑިޔާރުންގެ މުސާރަތަކަށް ގެނައި ބަދަލުތައް:

  • އުއްތަމަ ފަނޑިޔާރުގެ މުސާރަ - 91،000 ރުފިޔާ
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުން - 89،000 ރުފިޔާ
  • ހައި ކޯޓު އިސް ފަނޑިޔާރުގެ މުސާރަ - 70،000 ރުފިޔާ
  • ހައި ކޯޓު ފަނޑިޔާރުންގެ މުސާރަމ - 68،000 ރުފިޔާ
  • ކްރިމިނަލް ކޯޓު، ޑުރަގު ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ އިސް ގާޒީންގެ މުސާރަ - 62،000 ރުފިޔާ
  • ކްރިމިނަލް ކޯޓު، ޑުރަގު ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ ގާޒީންގެ މުސާރަ - 60،000 ރުފިޔާ
  • ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރަ - 43،000 ރުފިޔާ
  • މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ މުސާރަ - 41،000 ރުފިޔާ

ކައުންސިލަރުންގެ މުސާރައަށް ގެނައި ބަދަލު:

  • ސިޓީތަކުގެ މޭޔަރުންގެ މުސާރަ - 46،000 ރުފިޔާ
  • ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުންގެ މުސާރަ - 40،500 ރުފިޔާ
  • އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ - 33،000 ރުފިޔާ
  • ސިޓީ ކައުުންސިލަރުންގެ މުސާރަ - 35،000 ރުފިޔާ
  • ރަށު ކައުުންސިލްތަކުގެ ރައީސުންގެ މުސާރަ - 25،500 ރުފިޔާ
  • ރަށު ކައުުންސިލަރުންގެ މުސާރަ - 18،000 ރުފިޔާ

ބަދަލު ގެނައި އިތުރު ބައެއް މުސާރަތައް:

  • އެމްއެމްއޭގެ ގަވަރުނަރުގެ މުސާރަ - 74،000 ރުފިޔާ
  • އޮޑިޓަ ޖެނެރަލްގެ މުސާރަ - 74،000 ރުފިޔާ
  • ޕްރޮސެކިއުޓަ ޖެނެރަލްގެ މުސާރަ - 74،000 ރުފިޔާ
  • ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ - 74،000 ރުފިޔާ
  • އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މުސާރަ - 55،000 ރުފިޔާ
  • ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ - 55،000 ރުފިޔާ
  • މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރަ - 59،000 ރުފިޔާ
  • މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންގެ މުސާރަ - 55،000 ރުފިޔާ
  • މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ - 48،000 ރުފިޔާ
  • ޕީސީބީގެ ރައީސްގެ މުސާރަ - 41،000 ރުފިޔާ
  • ޕީސީބީގެ ނައިބު ރައީސްގެ މުސާރަ - 31،000 ރުފިޔާ
  • ޕީސީބީގެ މެންބަރުން - 12،000 ރުފިޔާ
comment ކޮމެންޓް