ހާލަންޑްގެ ފަސް ލަނޑާއެކު ސިޓީ ކުއާޓާއަށް

ސިޓީއަށް 5 ލަނޑު ޖަހައިދިން ހާލަންޑް އާއި 4 ލަނޑު ޖެހުމަށް އެހީތެރިވެދިން ޑި ބްރުއިނާ --- ފޮޓޯ: ކެޕިޓަލް ނިއުސް

އިނގިރޭސި އެފް އޭ ކަޕްގެ ކްއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ކްއާޓާ ފައިނަލުން ސިޓީ ޖާގަހޯދާފައިވަނީ ފަސްވަނަ ބުރުގައި ރޭ ލޫޓަން ޓައުންއާއި ރަށުން ބޭރުގައި ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު 6-2 އިން ކާމިޔާބު ކޮށްގެންނެވެ.

މެޗުގައި ސިޓީގެ ތަރިއަކަށް ވެގެންދިޔައީ އެޓީމުގެ ހުނަރުވެރި ފޯވަޑް އާލިން ހާލަންޑެވެ. އޭނާ ވަނީ މި މެޗުގައި ފަސް ލަނޑު ކާމިޔާބު ކޮށްދީފައެވެ. ހާލަންޑް ކާމިޔާބު ކުރި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ޑި ބްރުއިނާއެވެ.

ސިޓީއިން މިމެޗު ފެށިތަން ފެނިގެންދިޔައީ ވަރަށް ފޯރީގައެވެ. މިގޮތުން ރެފްރީގެ ކަށި ގަނޑައެކު ލޫޓަންގެ ގޯލަށް ނުރައްކާ ކުރަންފެނިތަން ފެނިގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ތިންވަނަ މިނެޓްގައި ލަނޑެއް ޖަހައި ސިޓީން ލީޑު ނެގުމެވެ. މި ލަނޑު ޑި ބްރުއިނާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ހާލަންޑެވެ. ސިޓީގެ ދެވަނަ ލަނޑު މެޗުގެ 18 ވަނަ މިނެޓްގައި ހާލަންޑް ޖަހައިދިންއިރު މެޗުގެ 40 ވަނަ މިނެޓްގައި ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މެޗުގައި ލޫޓަންއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯޑަން ކްލާކްއެވެ.

މެޗުގެ 52 ވަނަ މިނެޓްގައި ކްލާކްވަނީ ލޫޓަންގެ ދެވަނަ ލަނޑު ޖަހައިދީ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު އެއް ލަނޑަށް ކުޑަކޮށްފައެވެ. މިއާ އެކު ލޫޓަންގެ ސަޕޯޓަރުންނަށް މިމެޗުން ނަތީޖާއެއް ނެރެވިދާނެ ކަމުގެ އުންމީދު ކުޑައިރުކޮޅަކަށް ނަމަވެސް ކުރެވިގެންދިޔައެވެ.

ނަމަވެސް ލޫޓަންއިން މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ހާލަންޑްވަނީ އޭނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް ތަފާތު ބޮޑު ކޮށްފައެވެ. އަދި، މި ލަނޑު ޖެހިތާ ތިން މިނެޓްފަހު ހާލަންޑްވަނީ ފަސްވަނަ ލަނޑެއް ކާމިޔާބުކޮށް ސިޓީއަށް ތިން ލަނޑުގެ ލީޑެއް އަނެއްކާ ވެސް ނަގައިދީފައެވެ. މި މެޗުގައި ކާމިޔާބު ކުރި ފަސް ލަނޑާއެކު ހާލަންޑް މިހާރު ވަނީ ސިޓީއަށް ކުޅުނު 83 މެޗުގައި 79 ލަނޑު ޖަހައިދީފައެވެ.

މެޗުގައި ސިޓީއިން ކާމިޔާބު ކުރި ހަވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖަހައިދިނީ މަޓިއޯ ކޮވަސިޗްއެވެ.

comment ކޮމެންޓް