މިދިޔަ މަހުގެ 14އާ ހަމައަށް މަސްވެރިންނަށް ފައިސާ ނުދީ ހުރި ބިލްތަކަށް ފައިސާ ދައްކައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މިއަދު މިފްކޯއިން މަސްވެރިންނަށް 35 މިލިއަން ރުފިޔާ ޖަމާކޮށްދީފައި ވާކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހާއި މިއަދު ހިމެނޭހެން ޖުމްލަ 105 މިލިއަން ރުފިޔާ މިހާރު މަސްވެރިންނަށް ޖަމާކޮށްދީފައި ވާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިިސްޓްރީން ބުނީ، ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މިހާރު ވެސް މަސައްކަތްކުރާ ކަމަށެވެ.
މިއާއެކު ފާއިތުވި ނޮވެމްބަރު 17ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޖުމްލަ 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ވާކަމަށް މިނިސްޓްރީގެ ޕޯސްޓުގައި ވެއެވެ. އެ ފައިސާގެ ތެރޭގައި ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބޭތާ ތިން މަސްދުވަސް ވެފައިވާކަމަށް ބުނެ މިމަހުގެ 18ވަނަ ދުވަހު މަސްވެރިން ގއ. ކޫއްޑޫގައި މުޒާހަރާ ކުރަން ފެށިއެވެ. އެ މުޒާހަރާ ހޫނުވެ، މަސްވެރިން ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނައެވެ.
އެ މުޒާހަރާ ހުއްޓާލީ ދެ ދުވަސް ފަހުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުންނެވެ. އެގޮތުން މިދިޔަ ހަފުތާ ތެރޭގައި 70 މިލިއަން ރުފިޔާ ދީފައިވާއިރު މިއަދަށް 30 މިލިއަން ދީ ނިންމާނެކަމަށް ފިޝަރީޒް މިނިސްޓްރީންވަނީ މީގެ ކުރިން ބުނެފައެވެ.