މުރައިދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައިވަނީ ބަޖެޓުގައި ނެތުމުން: ރައީސް

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ މުރައިދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައިވަނީ ބަޖެޓުގައި ނެތުމުން ކަމަށް --

ހއ. މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައި ވަނީ، އެ މަސައްކަތް މިދައުރުގެ ބަޖެޓުގައި ހިމަނާފައި ނެތުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ހއ.މުރައިދޫ، އަންގޫރުމާގޭ، ޙަސަން ރިޔާޒް ވަނީ މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ހާމަކޮށްފައެވެ.

"އިރުވައި މޫސުމުގައި އަޅުގަނޑުމެންނަށް ބަނދަރުގެ ދަތިކަމުގެ ސަބަބުން އެއްވެސް ހާލަތެއްގައި ބޭނުމެއް ނުކުރެވެ،" އޭނާ ބުންޏެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މަސައްކަތް ފަށާ ކުރިއަށް ގެންދަން ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާކަމަށެވެ.

"މިފަހަރު ބަޖެޓު ހެދިއިރުގައި ދުވަހަކު ވެސް ނުކުރާ ކަމެއް މިހާރު އޮތް މަޖިލީހުން ކޮށްފައި އޮތީ. އެއީ އޮންގޮއިން މަޝްރޫއެއް ވެއްޖެއްޔާ ނިންމޭވަރަށް ބަޖެޓުގައި ފައިސާ ހިމަނާނެ. އަލަށް ފަށާ މަޝްރޫއެއް ވެއްޖެއްޔާ 15 ޕަސަންޓު ދޭވަރަށް ބައެއް ފަހަރު ހިމަނަފާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ ދުވަހަކު ވެސް މަޖިލީހުން ކުރާ ކަމެއް ނޫންކަމަށެވެ. އަދި އެއީ ވަރަށް ގޯސްކޮށް ކޮށްފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފަށާފައިވާ މަޝްރޫތަކަށް އެންމެ ބިލެއް ނުދެއްކޭ ވަރަށް ވެސް ބަޖެޓުކޮށްފައި އެބަހުރި ކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ވެރިކަން ނިންމައިލިއިރު، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮވެ، ބަޖެޓު އެކުލަވައިލީ މިހާރު ހިނގަމުން އަންނަ މަޝްރޫއުތައް ވެސް ހުއްޓޭހެން ކަމަށް ހއ. ދިއްދޫގައި އޮތް ޖަލްސާގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

https://sun.mv/189100

ރައީސް ވަނީ އެ ފަދަ މަޝްރޫއުތައް ކުރިއަަށް ގެންދާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ. އޭގެ ނަތީޖާއަކީ މަޝްރޫއުތައް ލަސްވުން ކަމަށާއި، މަޝްރޫއުގެ ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދެރުން ކަމަށެވެ.

އެ ގޮތަށް ރައްޔިތުންނަށް ނުވަ ބިލިއަން ރުފިޔާއިން ސަރުކާރު ދަރަނިވެރިވެފައި އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

އެއާއެކު އެ މަނިކުފާނުވަނީ މި ސަރުކާރުން އައީ އެ ފަދަ ކަންކަން ރަނގަޅުކުރުމަށް ކަމަށާއި އެ ކަން ކުރުމަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް