ޕާކިސްތާނަށް ލޯނު ދިނުމުގެ ކުރިން އިންތިޚާބުގެ އޮޑިޓެއް ހަދަން އައިއެމްއެފަށް ގޮވައިލައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން. ފޮޓޯ/ރޮއިޓާސް

ޕާކިސްތާނަށް އާ ލޯނެއް ދިނުމުގެ ކުރިން އިންތިޚާބުގެ ނަތީޖާ އޮޑިޓް ކުރުމަށް އެދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އަށް ސިޓީއެއް ފޮނުއްވައިފައިވާ ކަމަށް އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު އަދި މިހާރު ޖަލުގައި އޮންނެވި ތަހްރީކް އިންސާފް (ޕީޓީއައި) ގެ ބާނީ އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ނޫހެއް ކަމަށްވާ، ދަ ނިއުސް އިންޓަނޭޝަނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުން ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ލޯނު ދައްކާނީ ކާކުތޯ އެ ސިޓީގައިވަނީ ސުވާލުކޮށްފައެވެ.

އަދި އެ ލޯނުގެ ސަބަބުން ގައުމުގެ ދަރަނި ބޮޑުވެ ފަގީރުކަން އިތުރުވާނެ ކަމަށް ވެސް ސިޓީގައި އިމްރާން ވިދާޅުވެފައިވެއެވެ.

ނަމަވެސް ޕާކިސްތާނުގެ އާ ސަރުކާރާއެކީ މަސައްކަތްކުރާނެ ކަމަށް އައިއެމްއެފްއިން ވަނީ ބުނެފައެވެ.

އިމްރާންގެ ސިޓީއާ ގުޅިގެން ޕާކިސްތާނުގެ ކުރީގެ މާލީ ވަޒީރު އިސްހާގު ދަރް ވިދާޅުވީ އެ ސިޓީއަކީ އެއްވެސް މާނައެއް އޮތް ސިޓީއެއް ނޫން ކަމަށެވެ. އަދި އެއީ ގައުމީ މަސްލަހަތާ ދެކޮޅަށް ލިޔުނު ސިޓީއެއް ކަމަށްވާނަމަ، އެއީ ކުށްވެރިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިގްތިސާދީ އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައިއޮތް ޕާކިސްތާނަށް އައިއެމްއެފް އިން މިދިޔަ އަހަރު ވަނީ ލޯނު އެހީ ފޯރުކޮށްދީފައެވެ. އެ ގައުމުން ނުދެއްކި ހުރި ލޯނުތައް ދެއްކުމަށް އައިއެމްއެފްގެ އެހީގެ ބޭނުން ހިފުނެވެ. ނަމަވެސް އެ ލޯނުގެ މުއްދަތު އަންނަ މާޗު މަހު ހަމަވާނެއެވެ. އެހެންވެ ޕާކިސްތާނުން އަންނަނީ އިތުރު ލޯނެއް ނެގުމަށް ތައްޔާރުވަމުންނެވެ.

ފެބުރުއަރީ އަށް ވަނަ ދުވަހު އޮތް އިންތިޚާބަށް ފަހު ޕީއެމްއެލް-އެން، ޕާކިސްތާން ޕީޕަލްސް ޕާޓީ އަދި ކުދި ޕާޓީތަކަކުން ވަނީ އާ ސަރުކާރެއް އެކުލަވާލުމަށް ކޯލިޝަން ހަދާފައެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އިމްރާން ޚާންގެ ޕާކިސްތާން ތެހެރީކޭ އިންސާފް ޕާޓީންނާއި އެހެނިހެން ޕާޓީތަކުން ދަނީ އަދިވެސް އެ ގައުމުގައި މުޒާހަރާ ކުރަމުންނެވެ.

comment ކޮމެންޓް