ޗެލްސީއާ އެއްވަރުވެ، ސިޓީ ތިންވަނައަށް

ޗެލްސީ ކޮޅަށް ރޮޑްރީ ކާމިޔާބު ކޮށްދިން ލަނޑަށްފަހު / ފޮޓޯ: ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވަދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. އަދި، ޗެލްސީން ވެސް ވަނީ ވަރުގަދައަށް ޑިފެންސްކުރުމާ އެކު ލިބޭ ފުރުސަތުތަކުގައި ކައުންޓާ އެޓޭކް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ވެސް މިގޮތަށް އުފެއްދި ކައުންޓާ އެޓޭކެއްގައި ޗެލްސީންނެވެ. މި ލަނޑު މެޗުގެ 42 ވަނަ މިނެޓްގައި އެ ޓީމަށް ޖަހައިދިނީ ކުރިން ސިޓީއަށް ކުޅުނު ރަހީމް ސްޓާލިންއެވެ. ސްޓާލިން ވަނީ މިދެޓީމު މި ސީޒަންގައި ޗެލްސީގެ ދަނޑުގައި ކުޅެ 4 - 4 އިން އެއްވަރުވި މެޗުގައި ވެސް ލަނޑު ޖަހާފައެވެ. މި ލަނޑާއެކު ސިޓީ ހާސްކަމުގެ ތެރެއަށް ވެއްޓިގެންދިޔައިރު ޗެލްސީން ޑިފެންޑް ކުރުން އިތުރަށް ވަރުގަދަ ކުރިއެވެ.

ދެވަނަ ހާފުގައި ވެސް ސިޓީން ޗެލްސީގެ ގޯލަށް ގިނަ ހަމަލާތަކެއް ދިން ނަމަވެސް ޗެލްސީން ދިޔައީ މި ހަމަލާތައް ދިފާއު ކުރަމުންނެވެ. މެޗުގައި ސިޓީން ކާމިޔާބުކުރި ލަނޑު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ.

މި މެޗު އެއްވަރުވުމާއެކު ސިޓީ މިހާރު ވަނީ ކުޅުނު 24 މެޗުން ލިބިފައިވާ 53 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. ނަމަވެސް ދެވަނައިގައި އުޅޭ އާސެނަލް ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވުމުން ސިޓީން އެ މެޗު ކާމިޔަބު ކޮށްފިނަމަ ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައި ތާވަލުގެ އެއްވަނައިގައި އުޅޭ ލިވަޕޫލާ އެއް ޕޮއިންޓަށް ގަތް ކުރެވޭނެއެވެ. އަދި، ޗެލްސީ އުޅެނީ 35 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ.

comment ކޮމެންޓް