ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އެމްޑީޕީން ބޮއިކޮޓްކޮށްފައިވާތީ، ގާސިމްގެ ފާޑުކިޔުން

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖޭޕީގެ ލީޑަރު ގާސިމް: ދެ ބޭފުޅުން މިއަދު ވަނީ ބައްދަލުކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

މިއަދު ރައީސް ޑރ. މުހައްމަދު މުޢިއްޒު, ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފައްޓަވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އިދިކޮޅުން ބޮއިކޮޓް ކޮށްފައިވާތީ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް މިރޭ ފާޑުވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ރައީސް ދެއްވި ރިޔާސީ ބަޔާނަކީ މިހާތަނަށް ރާއްޖޭގެ ރައީސަކު ދެއްވި އެންމެ ތަފުސީލީ، އެންމެ ފުރިހަމަ ރިޔާސީ ބަޔާން ކަމަށެވެ.

އެ ރިޔާސީ ބަޔާނުގައި ރައީސް، ދިވެހި ގައުމުގެ އިއްޔެއާއި މިއަދުގެ ހާލަތުގެ އިތުރުން މާދަމާއަށް އުންމީދުތަކާއި، ހޯއްދަވާނޭ ހައްލުތައް ވިދާޅުވެދެއްވީ ނުހަނު އުންމީދުން ފުރިގެންވާ ގޮތެއްގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި ދިވެހި ގައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސްހިސާބާއި ދިރާސާއާއެކު ރިޔާސީ ބަޔާން ރައީސް އިއްވަވައިދެއްވި ޖަލްސާ، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވާ ބައެއް މެންބަރުން ބޮއިކޮޓު ކުރުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރައަކަށް ނުވޭތޯ ގާސިމް ސުވާލު އުފެއްދެވިއެވެ.

އެމްޑީޕީން ރޭ ބުނެފައިވާ ގޮތުގައި، ރައީސް ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބޮއިކޮޓް ކުރަން އެ ޕާޓީން ނިންމީ، އެ ޖަލްސާއާ ގުޅިގެން ސަރުކާރު ބަންދުނުކުރަން ނިންމުމުންނާއި ސަރުކާރުން މަޖިލީހުގެ ބާރު ކަނޑުވާލައި މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

https://sun.mv/188303

އެމްޑީޕީގެ އިތުރުން، އެ ޕާޓީއާއެކު މަޖިލީހުގައި މަސައްކަތް ކުރަން އެއްބަސްވެފައިވާ ދަ ޑިމޮކްރެޓްސްއިން ވެސް އެ ޖަލްސާ ބޮއިކޮޓް ކުރިއެވެ. ނަމަވެސް މިއަދު ބޭއްވި މަޖިލީހުގެ ދެވަނަ ޖަލްސާގައި އެ ދެ ޕާޓީގެ މެންބަރުން ވެސް ބައިވެރިވިއެވެ.

comment ކޮމެންޓް