ކޮވިޑުގެ އާ ވޭރިއަންޓުން ދިފާއުވުމަށް ވެކްސިން ޖަހާ މިންވަރު ދަށް: ޑަބްލިއުއެޗްއޯ

ކޮވިޑް 19 ގެ އާ ވޭރިއަންުޓުން ދިފާއުވުމަށް ވެކްސިން ޖަހާ މިންވަރު ގަބޫލު ނުކުރެވޭހާވެސް ދަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ބުނޭ. ފޮޓޯ/ވޯލްޑް ބޭންކް

ކޮވިޑް19ގެ އެންމެ ފަހުގެ ވޭރިއަންޓާ އިންފްލުއެންޒާ ރޯގާއިން ދިފާއުވުމަށް ވެކްސިން ޖަހާ މިންވަރު ކަންބޮޑުވާ މިންވަރަށްވުރެ ދަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނީ މިއީ ސިއްހީ ނިޒާމަށް ބޮޑު ބުރައެއް އުފުލަންޖެހިފައިވާ ކަމެއް ކަމަށެވެ.

އެމެރިކާއާއި ވިލާތުގެ ބައެއް ގައުމުތަކާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް ފާއިތުވި ހަފުތާތަކުގައި ނޭވާލާ ނިޒާމާ ގުޅިފައިވާ ބަލިތަކަށް ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް ސަރަހައްދުތަކުގައި ބަލީގެ ސަބަބުން އުމުރުން ދުވަސްމީހުން މަރުވާ ރޭޓު ވެސް މަތިވެފައިވެއެވެ. ބަލިތަކުގެ ސަބަބުން ސްޕެއިނާއި އެމެރިކާގެ ހޮސްޕިޓަކްތަކުގައާއި ސިއްހީ ފަރުވާދޭ ތަންތަނުގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އިންޓެރިމް ޑިރެކްޓަރު މާރިއާ ވޭން ވިދާޅުވި ގޮތުގައި، ކޮވިޑް19 އާއި ފުލޫ ރޯގާ ދިފާއުވުމަށް ވެކްސިން ޖަހައި، މިންވަރު ވަރަށް ގިނަ ގައުމުތަކުގައި ވަރަށް ބޮޑަށް ދަށެވެ.

އެގޮތުން ޔޫއެސް ސެންޓާސް ފޯ ޑިސީޒް ކޮންޓްރޯލު، (ސީޑީސީ) އިން ހާމަކޮށްފައިވާ ގޮތުން ކޮވިޑް19ގެ އާ ވެރިއަންޓުން ދިފާއުވުމަށް ޖަހާ ވެކްސިން އެމެރިކާގައި ޖަހައިފައި ވަނީ އެންމެ 19.4 އިންސައްތަ މީހުންނެވެ.

ވެކްސިން ޖެހުމުން ލިބޭ ފައިދާތަކާއި ކޮވިޑް19 އިން ލިބޭ ގެއްލުމުގެ ވާހަކަތައް ދައްކަން ގިނަ ގައުމުތަކެއްގައި އަދިވެސް ގޮންޖެހުންތައް ހުރި ކަމަށް ވެސް ގައިން ގަޔަށް އަރާ ބަލިތަކާ ބެހޭ މާހިރުން ވިދާޅުވެއެވެ.

ނަމަވެސް ވެކްސިން ޖެހުމަކީ ބަލިން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެއް ކަމަށް މާހިރުން ވިދާޅުވެއެވެ.

މިދިޔަ މަހު ދުނިޔޭގެ ނިސްބަތުން 850،000 މީހުންނަށް އަލަށް ކޮވިޑް ޖެހުނުއިރު، 118،000 މީހުން ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދައިފައިވާ ކަމަށް ސިއްހަތު ޖަމުއިއްޔާއިން ބުނެއެވެ.

comment ކޮމެންޓް