އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ކުއްލި ހާލަތުގައި ފަރުވާއަށް ބޭނުންވާ 9000 ބަލި މީހުން ޣައްޒާގައި އެބަތިބި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
އޭގެތެރޭގައި ކެންސަރަށް ފަރުވާކުރާ މީހުންނާއި، ކިޑްނީ ބަލި އަދި އެ ނޫން ވެސް ސީރިއަސް ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ހިމެނެއެވެ.
ހަނގުރާމައިގެ ސަބަބުން ޣައްޒާ ސަރަހައްދުގައި ޚިދުމަތްދެވޭ ގޮތަށް މިހާރު ހުރީ އެންމެ 10 ހޮސްޕިޓަލެވެ. ހަނގުރާމައިގެ ކުރިން ޣައްޒާގައި ޚިދުމަތްދޭ 36 ހޮސްޕިޓަލް ހުރި ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
"މުޅި ޣައްޒާގައި ވެސް މި ވަގުތު މަސައްކަތްކުރާ ހުރީ އެންމެ 10 ހޮސްޕިޓަލް. އެހެންވެ، އެތައް ހާސް ބަލިމީހުން ތިބީ ސިއްހީ ފަރުވާއިން މަހުރޫމްވެފައި،" ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހު ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަކާ ގުޅިގެން ހަމާސް ނައްތައިލުމަށް ކަމަށްބުނެ އިސްރާއީލުން އަންނަނީ އެއްވެސް ރަހުމެއްނެތި ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. ހަމަލާތަކުގައި ގިނަ އަދަދެއްގެ ސިއްހީ ފަރުވާދޭ ތަންތަން ވަނީ ސުންނާފަތިކޮށްފައެވެ.
އެއްގަމު މަގުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ. ޣައްޒާގައި ހުރި ގާތްގަޑަކަށް ހުރިހާ ހޮސްޕިޓަލަކީ އިސްރާއީލުގެ ހަމަލާތަކަށް ފިލަން ޣައްޒާގެ ގިނަ ބަޔަކު ގޮސް ތިބި ތަންތަނެވެ.
ހަމަލާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ޣައްޒާގެ 2.3 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދިނުން ވެސް އިސްރާއީލުން އޮތީ ހުއްޓުވައިފައެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 32،705 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.