މޫލައި ހެދިފައިވާ ހަރުކަށި ފިކުރު: ހީބިހިނަގާހާ ގޯސް!

ސިފައިންގެ މީހަކު ވަރުގަދަ ސެކިއުރިޓީއަކާއެކު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރޯދަ މަހުގެ އިރާކޮޅުގެ ވަގުތެވެ. މަޖީދީމަގުގެ ކަންމަތީގައި މަޑުކޮށްލައިގެން އޮތް އެ މަނިކުފާނުގެ ކާރުކޮޅަށް އެރުއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިންގަވަމުން ވަޑައިގަންނަވަނިކޮށް އެ ގޮއްވާލީ ބޮމެކެވެ. މޮހޮރާއި ރޭޒަރު ފުށް ބޭނުންކޮށްގެން ހަދާފައިވާ އައިއީޑީ އެކެވެ. މި ހާދިސާގައި އެ މަނިކުފާނުގެ ވަރަށް ބޮޑަށް ޒަޚަމްވެ ވަޑައިގަތެވެ. އެ މަނިކުފާނުގެ ބައެއް ބޮޑީ ގާޑުންނާއި އެ ހިސާބުގައި ބައެއް އާންމުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވިއެވެ.

މިއީ، ދިވެހި ބަޔަކު ރޭވި ނުރައްކާތެރި ރޭވުމެކެވެ. ބޭނުމަކީ އެ މަނިކުފާނު އަވަހާރަކޮށްލުމެވެ. އެއީ އެ މަނިކުފާނުގެ ފުރާނައާއި ލޭ ހައްގުވެއްޖެ ކަމަށް ބަޔަކު އެ މީހުންގެ ސިކުނޑިއަށް ވެއްދި ވިހަ ވިސްނުމެއްގައި ފުރާނައެޅި، ހިންގި އަމަލެކެވެ. އެކަމާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުންގެ ވާހަކަތަކުން އެކަން ކަށަވަރުވެއެވެ. މިހާރު އޭގެ ތެރެއިން ބައެއް މީހުން ތިބީ ކުރެވުނު ކުށާމެދު ދެރަވެ، ހިތާމަކުރާ ހާލުގައެވެ. ހެޔޮ މަގަށް އެނބުރި އަންނަން ބޭނުންވެއެވެ. މައާފަށް އެދެންވެސް ބޭނުންވެއެވެ. އެކަމަކު އެ ހާދިސާއާއި އެ އަމަލު ދިވެހި ތާރީޚާއި ދިވެހިންގެ ހިތްތަކުން ފުހެވިގެންދާނީ ކިހިނެއް ހެއްޔެވެ؟ އެ ބިރުވެރިކަމާމެދު ނުވިސްނާ ހަނު ތިބެވޭނީ ކިހިނަކުން ހެއްޔެވެ؟

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަތް މީހުންގެ ތެރެއިން ތިން މީހުން ---

ހަމަ އެގޮތަށް މީގެ އަހަރުތަކެއް ކުރިން އެހެން ދިވެއްސެއް ކަތިލާންވެގެން ކަރުގައި ކަޓަރު އެޅީ ދިވެހި ބިމުގައި ތިބި ހަރުކަށި ފިކުރުގެ އެޖެންޓުންގެ ބައެކެވެ. އެ މީހުން ދެކުނީ އޭނާގެ ބައެއް ވާހަކަތަކާއި އަމަލުތައް ހުރި ގޮތުން އޭނާ އެ ހުރީ ދީނުން ބޭރުވެފައި ކަމަށާއި އޭނާގެ ފުރާނަ ހިފުން ނޫން ގޮތެއް އެ މީހުންގެ ސިކުނޑިއަކަށް ނުވަނެވެ. އޭނާގެ ކަރު ބުރިކޮށްލުމަށް ތިން މީހަކު އިސްވެ ތިބެ ހަމަލާދިނެވެ. ކަރުގައި ކަޓަރު ވެސް އެޅިއެވެ. ނޭވާހޮޅި ބުރިކޮށްލުމަށެވެ. ނަސީބު ކަންދިމާކުރި ގޮތުން ނަޝީދެކޭ އެއްގޮތަށް އެ މީހާ ވެސް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދިނުމުން ފުރާނަ ސަލާމަތްވިއެވެ. އެކަމަކު ނުރައްކަލުގެ އެ ލަކުނު އަދިވެސް ތާޒާކޮށް ފެންނާން އެބަހުއްޓެވެ.

ބޭރުގެ އިންޓެލިޖެންސް ރިޕޯޓުތަކާއި ޓަރަރިޒަމާ ދެކޮޅު ހަރަކާތްތައް ދިރާސާކުރާ ފަރާތްތަކުގެ ރިޕޯޓުތަކުގައި ލިޔެފައި ހުރީ ކޮން ވާހަކަތަކެއްތޯ ބަލާލަމާ ހެއްޔެވެ. ގިނަ ލިއުންތައް ދިރާސާކުރާއިރު ދިވެހި "ހަނގުރާމަވެރިން" ބޭރުގެ ޓަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަރަކާތްތެރިވަމުން ގެންދެއެވެ. ބައެއް ރިޕޯޓުތަކުގައި ސިފަކޮށްފައިވާ ގޮތުގައި ދިވެހި ބައެއް ހަނގުރާމަވެރިންނަކީ ވަރަށް ތޫނުފިލި އަދި ޢިލްމީ މީހުންނެވެ. ހަތިޔާރު ބޭނުންކުރުމަށް ފަރިތަވުމުގެ އިތުރުން ސޯޝަލް މީޑިޔާގެ ހަރަކާތްތަކުގައި އެ މީހުންގެ ހުނަރުވެރިކަން ފާހަގަކޮށްފައި އެބަހުއްޓެވެ.

ޑޮނަލްޑް ޓުރަމްޕުގެ ވެރިކަމުގައި ސިއްރު އެޖެންޓުންގެ ޓީމަކުން އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ކަރުދާހެއްގައިވާ ގޮތުގައި ހިއުމަން ޓްރެފިކިން އާއި ލޫޓުވައިގެންނާއި ތެލާއި ހަތިޔާރާއި ޑުރަގުގެ ވަގު ވިޔަފާރީގެ އިތުރުން މަނީ ލޯންޑަރިންގެ ފުޅާ ހަރަކާތްތަކުގެ ތެރެއިން އާމްދަނީ ހޯދައިގެން ޓެރަރިޒަމަށް ހަރަދުކުރާ "ހަރުކަށި" ޖަމާއަތްތަކުގެ ލިސްޓެއް ވަނީ އެކުލަވައިލާފައެވެ؛ އެއީ މެދުއިރުމައްޗާއި ގަލްފްގެ ގައުމުތަކުގެ އިތުރުން އެފްރިކާގެ ގައުމުތަކަށް އަމާޒުކޮށް 22 ނޮވެމްބަރު 2013 ގައި އުފެއްދި، އިސްލާމިކް ފްރޮންޓް (އައިއެފް) އާއި 29 ޖުލައި 2011ގައި ރިއަދު އަލް އަސާދުގެ މޭސްތިރިކަމުގެ ދަށުން އުފެއްދި ފްރީ ސީރިއާ އާމީ (އެފްއެސްއޭ)އާއި އަދި އަލްޤައިދާއާ ގުޅިފައިވާ ޖަބްހަތު އަލް ނުސްރާ (ޖޭއެން) އާއި އިސްލާމިކް ސްޓޭޓް އޮފް އިރާޤު އެންޑް ގްރޭޓާ ސީރިއާ (އައިއެސްއައިއެސް) އެވެ. އަޙްލު އަލް ސާމް އާއި މުހާޖިރިން ވަ އަންސާރު އެލަޔަންސް، ހަރަކާތު އަލް ޤިޔާމާ އަކީވެސް ހަރުކަށި ފިކުރަށް ބިނާވެފައި އޮތް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ ކަނޑައަޅާފައެވެ.

https://sun.mv/167802

ޖަބްހަތު އަލް ނުސްރާ (ޖޭއެން) ނެޓްވޯކަކީ މީގެ ތެރެއިން އެންމެ ފުޅާ ހަރަކާތެވެ. އަބޫބަކުރު އަލް ބަޤްދާދީ އާއި އަބޫ މުޙައްމަދު އަލް ގުލާނީ އިސްވެ ތިބެ 23 ޖެނުއަރީ 2012 ގައި އުފެއްދި މި ޖަމާއަތް ބިނާވެފައި އޮތީ ސީރިއާ އަދި ލެބަނަންގައެވެ. މި ނެޓްވޯކް ތަފާތު 42 ނަމެއްގައި ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި ލިބަރޭޝަން އޮފް އަލްޝާމް ކޮމިޝަން، ސީރިއާ އަލް ނުސްރާ ފްރަންޓް އަދި ދަ ޑިފެންސް ފްރޮންޓް، ހަޔާތު ތަޙްރީރް އަލް ޝާމް (އާރްޓޫއެސް) ފަދަ ނަންތައް ރިކޯޑު ކުރެވިފައިވެއެވެ.

މި ހުރިހާ ހަރަކާތެއްގައި ވެސް ދިވެހިންގެ ނަން ރިކޯޑު ކުރެވިފައިވާ ކަމަށް އިންޓެލިޖެންސްގެ ހޯދުންތަކާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ރިޕޯޓުތަކާއި ދިރާސާތަކުގައި ފާހަގަކޮށްފައި އެބަހުއްޓެވެ.

މިއީ ގައުމީ ސަލާމަތާއި ރައްޔިތުންގެ ނަމާއި އަބުރާ ގުޅިފައިވާ ނުރައްކާތެރި މައްސަލައެކެވެ. ފެންނާން ހުރި ކަރުދާސްތަކަށް ބަލާއިރު، ދުނިޔޭގެ ޓެރަރިސްޓު ޖަމާއަތްތަކުގެ ހަރަކާތްތެރި މެންބަރުންގެ ގޮތުގައި ގައުމުން ބޭރުގައި 100 އަށްވުރެ ގިނަ ދިވެހިން އެބައުޅެއެވެ. ބައެއް މީހުން އެ މީހުންގެ އަނބިދަރިންނާ ވެސް އެކީގައެވެ. އަދި އެ މީހުންނާ ގުޅިފައިވާ ދިވެހި މުޅި ނެޓްވާކްގެ އަދަދު ހުރީ ހާހުން މަތީގައެވެ. ގިނަ މީހުން ދިރިއުޅެނީ ދިވެހި ރާއްޖޭގައެވެ. އޭގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ހަނގުރާމައާ ގުޅޭ ކޮންމެ ވެސް ވަރެއްގެ ތަމުރީނެއް ހޯދައިގެން ތިބި މީހުންނެވެ.

ދިވެހި ގައުމީ އެންޓި ޓެރަރިޒަމް އޮފީހުގެ ފަރާތުން ވާހަކަ ދައްކަވަމުން ކުރިން އެ އިދާރާގެ އިސްވެރިއަކަށް ހުންނެވި ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައިވާ ގޮތުގައި ދީނީ ހަރުކަށި ފިކުރާއި ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިއުމުގެ ފިކުރާއި އެ މީހުން އުޅޭ، ގަބޫލުރާ އުސޫލުތައް ނޫން ގޮތްތަކަކީ ދީނުން ބޭރުގެ ކަންކަމުގައި ދެކިގެން އުޅޭ މީހުން ވެސް ރާއްޖޭގައި އެބައުޅެއެވެ. އަދި، އެފަދަ މީހުން ތިބީ ފާހަގަކުރެވިފައި ކަމަށާއި އެ މީހުން އަނބުރާ މުޖުތަމައަށް ނެރެވޭނެ ވިސްނުންތަކެއް ތިލަކުރެވިފައި އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

އަދި، ބައެއް ދިވެހިން ޖިހާދުގެ ނަމުގައި ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރަމުން ގެންދާ ކަމަށް ތަކުރާރުކޮށް އިއުތިރާފުވެ ވަޑައިގެންނެވިއެވެ.

ފުލުހުން ޚާއްސަ އޮޕަރޭޝަންއެއްގައި--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ނޭޓޯ ގައުމުތަކުގެ ސެކިއުރިޓީ އެޑްވައިޒަރުންގެ ސިއްރު ބައްދަލުވުމެއްގައި މަޝްވަރާކުރި ކަރުދާހުގައި ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ނަން ހިނގާ ނުރައްކާތެރި ޓެރަރިސްޓް ގްރޫޕުތަކުގައި ދިވެހިން ހަރަކާތްތެރިވަމުން ގެންދެއެވެ. ބައެއް މީހުންނަކީ އާދައިގެ ހަތިޔާރާ އެކު ހަރަކާތްތެރިވާ ލަޝްކަރުތަކުގެ މެންބަރުންނެވެ. އަދި، މަދު ބަޔަކު މި ނެޓްވޯކުތަކުގެ އިސް ލީޑަރުންގެ އަރިސް މީހުންގެ ގޮތުގައި ވެސް ހަރަކާތްތެރިވެއެވެ.

މި ހަގީގަތްތައް ނުފޮރުވަމާ ހެއްޔެވެ؟ ސިއްރު ނުކުރަމާ ހެއްޔެވެ؟ ހައްލު ހޯދޭނީ މިފަދަ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ގައުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެހެންނަމަވެސް ދިވެހި އިގުތިސާދު ހަލާކުވެދާނެކަމުގެ ނުތަނަވަސްކަން ބޮޑުކަމުން ގިނަ ފަހަރަށް ސަރުކާރުތަކުން ހަނު ތިބެނީއެވެ.

ރާއްޖޭން ބޭރުގައި ހަނގުރާމައަށް ގޮސްތިބި ބައެއް މީހުންނާއި އެ މީހުންގެ އާއިލާތައް ރާއްޖެ ގެނެސް، ރީހެބިލިޓޭޝަން ޕްރޮގްރާމެއްގެ ތެރެއިން އަނބުރާ މުޖުތަމައަށް ނެރުމަށް ނިމިދިޔަ ސަރުކާރުން ނިންމައި އެކަން ވަނީ އިއުލާންކޮށްފައެވެ. މިކަމުން ބާރު ލިބިދެނީ ބޭރުގެ ޖާސޫސީ އިދާރާތަކުގެ މައުލޫމާތުތަކުގައި ހަގީގަތްތަކެއް އެކުލެވޭ ކަމާއި އެކަންކަމާމެދު ސީރިއަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމެވެ. މި ހަގީގަތް އެވަނީ އިންޑިޔާކަނޑު ހުރަސްކޮށް ދުނިޔޭގެ އެކި ބައްރުތަކަށް ފެތުރި ކަރުދާސްކުރެވިފައެވެ. އެހެންކަމުން ހަނު ނުތިބެ، އާރުލާ މަސައްކަތްތަކެއް، މިކަން ހައްލު ކުރުމަށް ނުކޮށް ދޫކޮށްލެވޭ ވަރަށް ވުރެ މައްސަލަ މާ ސީރިއަސްއެވެ.

އެމެރިކާގެ ޓުވިން ޓަވަރު ގޮއްވާލުމުގެ ނުރައްކާތެރި ހަމަލާއަށް ފަހު ދުނިޔޭގެ އެކި ހިސާބުތަކުން، އިންޓެލިޖެންސްގެ ޗާޓަށް އެރި އެތައް ބަޔަކު ގުއަންޓަމާމޯބޭގެ ސެކިއުރިޓީ ވަރުގަދަ އަދި ސިއްރުން ފުރިފައިވާ ޖަލުތަކުގައި އެތައް ހާސް ބަޔަކު ހައްޔަރުކުރިއެވެ. ޕާކިސްތާނުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނު ދިވެއްސަކާ އެމެރިކާގެ ޕްރެޝަލް ފޯސްގެ ތަހުގީގު ޓީމަކުން ކުރި ސުވާލުތަކުން އެއްކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި، ޕާކިސްތާނާއި އިންޑިޔާ އަދި ބަންގަލަދޭޝްގެ އިތުރުން އެފްރިކާގެ ބައެއް ގައުމުތަކުގައި ހިންގާ "ދީނީ" މަދަރުސާތަކުގައި ޣައިރު ދީންތަކަށް ނަފުރަތު އުފެއްދުމާ އެކު، ރޭވުންތެރިކަމާ އެކު ދީނީ ހަރުކަށި ފިކުރު ދަރިވަރުންގެ ސިކުނޑިތަކަށް ވައްދައެވެ. ކޮންމެ ވަގުތެއްގައި ވެސް "ޖިހާދަ"ށް އާނބަސް ބުނާ މިންވަރަށް އެ ކުދިންގެ ވިސްނުން ދޮވެލައެވެ.

ދޮގު ނުކުރެވޭ މިންވަރަށް ދިރާސާކޮށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބުރަވާއިރު، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމުވެ ތިބި އެ މީހުންގެ އެޖެންޓުންގެ އުޖޫރައަށް އަހަރު 13 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހޭދަކުރެއެވެ.

މި ނުރައްކާ މި ގައުމުގައި އޮތީ ހީބިހިނަގައިގެން ދޫކޮށްލެވޭ ވަރަށްވުރެ މާފުނަށް މޫލައިފައެވެ. ކުއްލިއަކަށް ލުހެލަން ދަތިވާނެ މިންވަރަށެވެ. ރޭވުންތެރިކަމާ އެކު މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ.

comment ކޮމެންޓް