މާޒިޔާއިން ލީގު ޗެމްޕިއަންކަން ދިފާއުކޮށްފި

މާޒިޔާ އިން ލީގު ޗެމްޕިއަންކަން ހޯދުން -- ފޮޓޯ/ މާޒިޔާ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް މިއަދު ހަވީރު ނުކުތީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. އެ މެޗަށް ނުކުތް އިރު، މެޗުން މޮޅުވެގެން އީގަލްސްއަށް ވެސް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވެން އޮތެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެ މެޗުން މާޒިޔާ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަަމަ ހާފުގައި އީގަލްސްއަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވުނު އިރު، އޭނާގެ ހަމަލާ މާޒިޔާގެ ގޯލަށް އަމާޒުވެފައެއް ނުވެއެވެ.

މެޗުގައި މާޒިޔާއިން ގޯލު ޖެހީ މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށެވެ. އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު)އަށް އީގަލްސްގެ ރިލްވާން ވަހީދު (ރިލޭ) ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ ފޯވަޑް ވޮޖިސްލާވް ބަލަބަނޮވިޗްއެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާއާއި އީގަލްސްއަށް ވެސް ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ އާއި އަހުމަދު ރިޒުވާން (ރިޒޭ) އަށް ލިބުނު ފުރުސަތުތަކެއްގެ އިތުރުން މާޒިޔާގެ ބަލަބަނޮވިޗްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއެކު ކުޅެމުންދާ މާޒިޔާއިން ވަނީ ފާއިތުވެދިޔަ ތިން ސީޒަނުގެ ވެސް ލީގު ޗެމްޕިއަންކަން ހޯދައިފައެވެ.

comment ކޮމެންޓް