އަލްހާނާއި ދެ ކޮއްކޮއިންނަށް ގިނަ ދައުވާތަކެއް ކުރަން ފޮނުވައިފި

އަލްހާން ފަހުމީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކިންގްސް ކެޕިޓަލްސް ހޯލްޑިންސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ގިނަ ދައުވާތަކެއް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ކިންގްސްއިން ހިންގި ސްކީމުގެ މައްސަލައިގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ހިންގައިފައެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާއި ޙީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އެއީ:

  • އަލްހާން ފަހުމީގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް
  • ޞަހުބާން ފަހުމީގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް
  • ޝަޒްބާން ފަހުމީގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް

މި ދަޢުވާތައް ކޮށްފައިވާ ސަބަބަކީ، އަލްހާނު ފަހުމީއާއި، ޞަޙުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، ޢާންމު އެކި މީހުން އަތުން އެކި ޢަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެ ސްކީމަށް އެކި މީހުން 98 (ނުވަދިހަ އަށެއް) މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ. މި މައްސަލައިގައި ދަޢުވާކޮށްފައިވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގައެވެ.

މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ. އެ ބައިތަކުގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާ ކުރުމަށް ފަހު، މި މައްސަލައިގައި އިތުރު ދަޢުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

comment ކޮމެންޓް