ޞާލިޙް މައާފް ދެއްވި އަދީބް ބޭރަށް ފުރައިވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު -- ސަން ފޮޓޯ/ މުހައްމަދު މާހިލް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތު ވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް މައާފް ދެއްވުމާއެކު އޭނާ ރާއްޖޭން ބޭރަށް ފުރައި ވަޑައިގެންފިއެވެ.

އޭނާ ބޭރަށް ފުރާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މިކަން "ސަން"އަށް ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އޭނާ ވަޑައިގަތީ ކޮން ގައުމަކަށް ކަން އަދި އެނގިފައެއް ނުވެއެވެ.

ރާއްޖެއިން ބޭރަށް ވަޑައިގަތީ އެނބުރި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ކަމެއް ނުވަތަ ދަތުރެއްގައި ކަމެއް ވެސް ސާފެއް ނުވެއެވެ.

https://sun.mv/184611

އަދީބާއި އެކު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް ރައީސް ވަނީ މައާފު ދެއްވާފައެވެ. އެ ދެމީހުންނަށް ރައީސް ޞާލިހް މައާފު ދެއްވީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

މިއާއެކު އެތައް ބައެއްގެ ފާޑުކިޔުން ވެސް ޞާލިހަށް އަމާޒުވިއެވެ. އަދި މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އިސްލާޙުކުރުމަށް އެޗްއާރުސީއެމުން ވެސް ގޮވާލިއެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ ފަސް އަހަރު ސަރުކާރު ކޯލިޝަންގެ ގޮތުގައި އޮތް އަދާލަތު ޕާޓީން ވެސް ވަނީ މި ނިންމުމާ ގުޅިގެން ފާޑުކިޔާފައެވެ.

https://sun.mv/184671

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެކަމަކު، އެ ހުކުމް އިއްވިއިރު ވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު ބަލި ހާލާތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ހުންނެވީ ގޭ ބަންދުގައެވެ.

މި ހިޔާނާތް ސާބިތުވެ ޒިޔަތުގެ މައްޗަށް ވަނީ ޖުމުލަ 31 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރައީސް ޞާލިޙް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދީބާއި ޒިޔަތު ވެސް ހުންނެވީ ޖަލު ބަންދުގައެވެ. އެ ދެ ބޭފުޅުން ގޭ ބަންދަށް ބަދަލު ކުރެއްވީ ރައީސް ޞާލިހެވެ.

ހިޔާނާތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހު އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ރައީސް ޞާލިޙް ވަނީ ޔާމީން ގެއަށް ބަދަލު ކުރައްވާފައެވެ. ނަމަވެސް އަދިވެސް ކުށް ސާބިތުވެފައި ވާތީ މިނިވަނެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ދުނިޔޭގެ ސަމާލުކަމަށް އައި މައްސަލައެކެވެ. އެ މައްސަލައާ ގުޅޭގޮތުން އަލް ޖަޒީރާ ނޫހުން ތަފްސީލީ ޑޮކިއުމެންޓްރީ އެއްވެސް ގެނެސް ދިނެވެ.

ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައި ދެއްވާނެ ކަމެވެ.

comment ކޮމެންޓް