ތަރީންގެ މަސް ރޭސް 2 ޖަހާއިރު، އެންމެންނަށް ވެސް ދެވޭނެ!

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގެ ފަންނާނުން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ/ އާއިޝް އަޝްރަފް

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ ބޮޑު ހަރަކާތުގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވާ މަސް ރޭސް މިއަދު މެންދުރު ފަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

"އިންސާނިއްޔަތަށްޓަކައި"ގެ ނަމުގައި ދިވެހި ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ކުރިއަށް ގެންދާ ފަންޑްރެއިޒިން އިވެންޓްގެ އެންމެ ފަހު ބަޔަކީ މިއަދު ބާއްވާ މަސް ރޭހެވެ.

މިއަދު 14:00ގައި މަސް ރޭސް ފަށާއިރު މި މަސް ރޭހަށް ފުރުމަށް ހަމަޖެހިފައިވަނީ މަސްވެރިންގެ ޕާކު ސަރަހައްދުންނެވެ.

މި މަސް ރޭހާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފައިވަނީ މި މަސް ރޭހަށް މިހާތަނަށް 50 ދޯންޏެއް ރެޖިސްޓާ ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި އަތޮޅު ތެރޭގެ ބައެއް ދޯނިތައް ވެސް އޮތް ކަމަށާއި މި ދޯނިތައް މުބާރާތުގައި ބައިވެރިވާނީ އަތޮޅުތެރެއިން ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

މަސް ރޭހުގައި ފުރުމަށް އަދި ލެފުމަށް ހަމަޖެހިފައިވާ ތަނާއި ގަޑިތައް

މި މަސް ރޭހުގައި ގިނަ އަދަދަކަށް މީހުން ބައިވެރިވާއިރު އާންމުންގެ ތެރެއިން އިތުރު ބަޔަކު ވެސް ބައިވެރިވާން ބޭނުން ނަމަ ދޯނި މަހަށް ފުރާ ސަރަހައްދަށް ދިޔުމުން ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

މަސް ރޭސް ނިންމާލުމަށްފަހު ދޯނިތައް މާލެ އަންނަން ފަށާނީ ރޭގަނޑު 1900 އާއި 2100 އާ ދެމެދުގައެވެ.

މަސް ބާނައިގެން ވިއްކަން ޖަމްބަލް ސޭލްއަށް!

މަސް ދަތުރާއެކު ފަންނާނުން މިއަދު ހަވީރު ޚާއްޞަ ޖަަމްބަލް ސޭލްއެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔަ ޖަމްބަލް ސޭލްގެ ތެރެއިން

މާލޭގައި ހުންނަ މޭރީ ބްރައުން ސަރަހައްދުގައި ހުންނަ ޕާކިން އޭރިއާގައި މި ސޭލް ކުރިއަށް ގެންދާއިރު މި ސޭލްގައި ކޮންމެ އެއްޗެއް ވެސް ވިއްކާނީ 10 ރުފިޔާ އަށެވެ.

"މި ސޭލް ކުރިއަށް ގެންދިޔުމަށްޓަކައި މާލޭގެ ފިހާރަތަކުންނާއި އަތޮޅުތެރޭގެ ގިނަ ބައެއްގެ ފަރާތުން ވަނީ ބޮޑު އެހީއެއް ލިބިފައި. އެކަމަށް ޝުކުރު އަދާކުރަން ބޭނުން،" ނަހުލާ ފާހަގަކުރިއެވެ.

މަސް ރޭހުގައި ބައިވެރިންނަށް ހިފޭ މަސް ހިފައިގެން ދާނީ ޖަމްބަލް ސޭލް އޮންނަ ސަރަހައްދަށެވެ. އަދި އެ ސަރަހައްދުގައި މަސް ވިއްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މަސް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ދާނީ ފަލަސްތީނު ފަންޑަށެވެ.

ނަހުލާ ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ގިނައިން މަސް ބާނާ މީހަކަށް މަސް ބާނާ ދޮށްޓެއް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

މަސް ރޭހުގައި އެއްވަނަ އަށް ފައިސާ ލިބޭ ޓީމު އެ ހަދިޔާ ކުރާނީ ފަލަސްތީނު ފަންޑަށް

އެންމެ ގިނައިން މަސް ބޭނޭ ދޯންޏަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ސްޕޯޓްސް ފިޝިންގެ ފަރާތުން ސްޕޮންސާ ކޮށްފައިވާ މި ފައިސާގެ އިނާމު އެ ޓީމަށް ހަވާލު ކުރުމުން އެ ފައިސާ އަނބުރާ ފަލަސްތީނު ފަންޑަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެންމެ މަދުން މަސް ބާނާ ދޯނި ޖޫރިމަނާ ވާނެ ކަމަށް ނަހުލާ ފާހަގަކުރިއެވެ. ނަހުލާ ފާހަގަކުރިގޮތުގައި އެންމެ މަދުން މަސް ބާނާ ދޯނި 2،000 ރުފިޔާ އިން ޖޫރިމަނާ ވާނެއެވެ. މި ޖޫރިމަނާ ފައިސާ ވެސް ދާނީ ފަލަސްތީނު ފަންޑަށެވެ.

މި އިވެންޓުގެ ބައެއް ސްޕޮންސަރުންގެ ތެރޭގައި "ބުޅިކަންވާރު" އާއި "ދަ ހުކްސް" އަދި "އޯޝަންއެކްސް" ފަދަ ބްރޭންޑުތައް ހިމެނެއެވެ. މި ބްރޭންޑުތަކުގެ ފިހާރައިގެ އިއްޔެގެ ސޭލްސްގެ 10 ޕަސެންޓް ފަލަސްތީނަށް އެހީވުމަށް ދިނުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް