ނަހުލާ މިއުޅެނީ ކުޑަ ބްރޭކެއްގައި، އަވަހަށް ފެންނާނެ!

ނަހުލާގެ އެންމެ ފަހުގެ ފިލްމު "ބޮސް" އިއުލާނު ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން : ނަހުލާ ބުނަނީ ފިލްމުތަކުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް -----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހި ފިލްމު އިންޑަސްޓްރީގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ވެސް ދިވެހީންގެ ދުލުގައި ޖެހޭނީ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާއެވެ.

ނަހުލާއަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ވަރުގަދަ ތަނބުތަކުގެ ތެރޭގައި ހިމެނޭނެ އެކަކެވެ. ނަމަވެސް އާންމުންގެ ލޮލަށް ނަހުލާ ނުފެންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އެއާއެކު އާންމުންގެ މެދުގައި އުފެދިފައިވަނީ އެއް ސުވާލެކެވެ. ނަހުލާ ކޮބާ ހެއްޔެވެ؟

ނަހުލާ ނުފެނިގެން އެތައް ފޭނުންނެއް ދަނީ އޭނާ ވީ ތަނެއް ނޭނގިގެން އެ ވާހަކަތައް ދައްކާފައެވެ. ނަހުލާގެ އުފެއްދުމެއް ނުފެންނާތީ އެކަމާ އެތައް ބަޔަކު ތިބީ ކަންބޮޑު ވެފައެވެ.

މިއަހަރު ނިމިގެން މި ދަނީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އާ ދިރުމެއް ލިބުނު އަހަރަކަށް ވެގެންނެވެ. ކޮވިޑާ ގުޅިގެން ދިވެހި ފިލްމު އިންޑަސްޓްރީ އެއްކޮށް މަޑު ޖެހިފައި އޮވެ މިހާރު އޮލިމްޕަހުގެ ފަޅުކަން އޮތީ އެއްކޮށްހެން ނެތިގެން ގޮސްފައެވެ.

އޮލިމްޕަސް ފަޅުފިލި ނަމަވެސް އެންމެ ގިނަ ބަޔަކު ދިވެހި ފިލްމުތައް ބަލަން ދާ ޑައިރެކްޓަރު ނަހުލާގެ ފިލްމެއް ސިނަމާއިން ފެނިފައެއް ނުވެއެވެ. އަދި ނުވި ތަނުގައި އޭނާގެ ހަބަރެއް ވެސް ނުވެއެވެ.

ނަމަވެސް ނަހުލާ ވީނުވީ އެއް ހޯދިއްޖެއެވެ. "ސަން" އަށް ކިޔައިދިން ގޮތުގައި ނަހުލާ އަދި ނުގެއްލެއެވެ. އަދި އިންޑަސްޓްރީ އާ ދުރަށް ނުދާ ކަމަށް ވެސް ނަހުލާ ބުންޏެވެ.

"މި އަހަރު ދިވެހި ސިނަމާ ވަރަށް ބިޒީ ކޮށް ދިޔައީ. ސިޔާސީ މަސްރަހު ވެސް ފުދޭ ވަރަކަށް ހަލަބޮލި. އެހެންވީމާ މަސައްކަތްތައް މަޑު ޖައްސާލައިގެން މި ހުންނަނީ،" ނަހުލާ ބުންޏެވެ.

ނަމަވެސް މަސައްކަތުން ދުރަށް ނުދާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އަލުން މަސައްކަތަށް ނުކުންނާނެ ކަމުގެ ޔަގީންކަން ނަހުލާ ވަނީ ދީފައެވެ.

އަންނަ އަހަރުގެ ތެރޭގައި ނަހުލާގެ އާ ފިލްމެއް އާންމުނަށް ނު ފެނުނު ނަމަވެސް ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށައި، ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް ނަހުލާ ފާހަގަކުރިއެވެ.

ނަހުލާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް" އެވެ. އެއަށްފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020 އަށް ދެއްކިއެވެ.

comment ކޮމެންޓް