ބްލެކްބެރީގެ ސީއީއޯ ރިޓަޔާ ކުރަން ނިންމައިފި

ބްލެކްބެރީގެ ސީއީއޯ ޖޯން ޗެން

ބްލެކްބެރީގެ ޗީފް އެގްޒެކެޓިވްގެ މަގާމުގައި 10 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު މި ހަފުތާގެ ފަހުކޮޅު ރިޓަޔާ ކުރައްވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޖޯން ޗެން ވިދާޅުވެއްޖެއެވެ.

މައިގަނޑު ގޮތެއްގައި ސްމާޓްފޯން ހާޑްވެއާ އަދި ޑިވައިސް ކުންފުންޏަކުން އެންޓަޕްރައިޒް ސޮފްޓްވެއާ ކުންފުންޏަކަށް ބްލެކްބެރީ ބަދަލުވުމުގައި ޗެންގެ ޙިއްސާ ވަރަށް ބޮޑެވެ.

ބްލެކްބެރީގެ ޑިރެކްޓަރުންގެ ބޯޑުން ވަގުތީ ސީއީއޯގެ މަގާމަށް މިހާރުގެ ބޯޑު މެންބަރު ރިޗަޑް ލިންޗް އައްޔަންކޮށްފައިވާއިރު، ޗެންގެ ބަދަލުގައި އެ މަސްޢޫލިއްޔަތު އަދާކުރާނެ ދާއިމީ ބޭފުޅަކު ހޯދުމުގެ މަސައްކަތް އެ ބޯޑުން ދަނީ ކުރަމުންނެވެ. ދާއިމީ މުވައްޒަފަކު ހަމަޖެހެންދެން ޗެންގެ ބޯޑު ޗެއާގެ މަގާމާ ވެސް ލިންޗް ހަވާލުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުމުރުން 68 އަހަރުގެ ޗެން އެންމެ ފުރަތަމަ ބްލެކްބެރީގެ ސީއީއޯގެ މަގާމާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ފުރަތަމަ 2007 ވަނަ އަހަރު އެޕަލްގެ އައިފޯން ތައާރަފުކޮށް، ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް އުފުލުމާ އެކު ބްލެކްބެރީއަށް ކޮންސިއުމާ ސްމާޓްފޯން އިންޑަސްޓްރީގެ މާކެޓް ހިއްސާ މަޑުމަޑުން ގެއްލުނެވެ.

ޗެންގެ އިސްނެންގެވުމުގެ ދަށުން އެ ކުންފުނިން ވަނީ ސައިބާ ސެކިއުރިޓީއާއި ކަނެކްޓެޑް ކާރުތަކުގެ ސޮފްޓްވެއާ އަދި އެހެނިހެން އިންޓަނެޓް އޮފް ތިންގްސް (އައިއޯޓީ) އެޕްލިކޭޝަންތަކަށް ސަމާލުކަން ދޭން ނިންމައިފައެވެ. މި މަހުގެ ކުރީކޮޅު ބްލެކްބެރީން ވަނީ އެ ކުންފުނީގެ އައިއޯޓީ ވިޔަފާރި މިނިވަން ޔުނިޓަކަށް ވަކިކޮށް އަންނަ އަހަރު އައިޕީއޯއެއް ކުރިއަށް ގެންދަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު ސްމާޓްފޯން ހާޑްވެއާގެ ވިޔަފާރިން ބްލެކްބެރީ ވަކިވީ ވެސް ޗެންގެ ބެލުމުގެ ދަށުން އޭނާގެ ވިސްނުމަށެވެ. މިހާރު އެ ކުންފުނީގެ އަމާޒަކީ ލެގަސީ މޮބައިލް ޑިވައިސް ޕެޓެންޓްގެ ޕޯޓްފޯލިއޯ މޮނިޓައިޒް ކުރުމެވެ.

ޗެން ރިޓަޔާ ކުރަން އުޅޭ ކަމުގެ ހަބަރު ފެތުރުމާ އެކު ބްލެކްބެރީގެ ހިއްސާގެ އަގު އިއްޔެ ވަނީ 6.5 ޕަސެންޓް އުފުލިފައެވެ. އިންތިގާލީ ސީއީއޯ ލިންޗަށް އިތުބާރު ކުރާ ކަމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބުނެފައެވެ.

comment ކޮމެންޓް