ރަސްމީ އެގްރީމެންޓެއް ނުހަދައި އެމްޑީޕީން ވަނީ އެމްޑީއޭ ބޭނުންކޮށްލާފައި: މައުރޫފް

އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީން، އެމްޑީއޭ "ބޭނުންކޮށްލައިފައި" ވަނީ އެއްވެސް ރަސްމީ އެގްރީމެންޓެއް ހެދުމަކައިނުލައި ކަމަށް، އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް މިއަދު ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭއިން ކޯލިޝަން ހަދައި ތާއީދު ކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށެވެ. ނަމަވެސް އެމްޑީއޭ ކައުންސިލުން މިހާރު ނިންމާފައިވަނީ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ތާއީދު ކުރުމަށެވެ.

އެ ނިންމުމާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީއޭގެ ކައުންސިލުން އޮތީ އިންތިޚާބުގައި އަމަލު ކުރާނެ ގޮތެއް ނިންމުމުގެ ފުރިހަމަ ބާރު ޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދަށް ދެއްވާފައި ކަމަށެވެ. އެހެންކަމުން އެމްޑީޕީއާ އެކު ކުރިއަށް ދާން އޭރު ނިންމީ ކުރެވުނު މަޝްވަރާތަކާ އެކު އެއީ އޭރަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓާ ހަމައަށް ދިޔައިރު ވެސް ކޯލިޝަންގެ ރަސްމީ އެގްރީމެންޓަކާ ހަމައަށް ދެވިފައިނުވާ ކަމަށެވެ. ނަމަވެސް ކޯލިޝަންގައި ދެން ހިމެނޭ އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީއާއި އެމްޑީއޭއާ ދެމެދު އަންޑަސްޓޭންޑިނެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގްރީމެންޓެއް ނެތް ނަމަވެސް އޮތް އަންޑަސްޓޭންޑިންގެ ދަށުން ކެމްޕެއިންނަށް އެމްޑީއޭއަށް ލިބެން ހުރި ހުރިހާ ވަސީލަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރިން. ނަމަވެސް އެގްރީމެންޓެއް ނެތުމުން އުފެދޭ ސަރުކާރެއްގައި އެމްޑީއޭގެ ދައުރާމެދު ޕާޓީގެ ތެރޭގައި ވެސް އޮތީ ސުވާލު އުފެދިފައި،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ވޯޓްލުމާ ހަމައަށް ދިޔައިރު ރަސްމީ އެގްރީމެންޓެއް ނުހެދި އޮތުމުން އެކަމާމެދު އޮތީ ވިސްނަން ޖެހިފައި ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ލިބިލެއްވި ދަށް ނަތީޖާއާއެކު އިތުރަށް އެކަމާ ވިސްނަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް އެގްރީމެންޓެއް ނެތި ކުރިއަށް ދާން ވުމުން އެކަން ވެފައި އޮތީ ޕާޓީގެ ކައުންސިލާއި ލީޑާޝިޕްގެ ވެސް ބޮޑު ކަންބޮޑުވުމަކަށް. ސަބަބަކީ ޕާޓީއަށާއި ޕާޓީގެ މެމްބަރުންނަށް ވާނެ ގޮތެއް ނޭންގޭތީ އާއި ޕާޓީގެ ދައުރެއް ނޭނގި ކުރިއަށް ދާން ޖެހިފައިވާތީ،" އޭނާ ވިދާޅުވިއެވެ.

"އެގްރީމެންޓެއް ނެތި މިގޮތަށް ކަންތައް ހިނގައިފައިވާތީ އެމްޑީއޭއިން ގަބޫލުކުރަނީ އެމްޑީޕީއިން އެމްޑީއޭ ބޭނުން ކޮށްލީ ކަމަށް."

އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭއިން ކޯލިޝަން ހެދީ ތިން ޕާޓީ އެކުގައި މަސައްކަތް ކުރުމުގެ އަންޑަސްޑޭންޑިންއެއްގެ ދަށުންނެވެ.

ނަމަވެސް ސަރުކާރު ލިބުމުން ދެން ކަންކުރާނެ ގޮތުގެ އެގްރީމެންޓް ފޮނުވާނެ ކަމަށް އެމްޑީޕީއިން ބުނި ނަމަވެސް ކޯލިޝަން ރޫޅާލަން ޖެހުނީ އެ އެގްރީމެންޓް ނުލިބުމުން އެމްޑީއޭގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އެހާ ލޯބިން އުޅެފައި ވަރިވާން ޖެހުނީ ފޮނުވަން އެއްބަސްވި އެގްރީމެންޓް ނުލިބި ދެން ވާނެ ގޮތެއް ނޭނގުމުން،" އޭނާ ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ ސަރުކާރާ ގުޅިފައިވާ ބައެއް ފަރާތްތަކުން މިހަގީގަތް އޮޅުވާލައި އެހެން ގޮތެއް ދައްކަން މަސައްކަތް ކުރާތީ ހިތާމަ ކުރާ ކަމަށެވެ.

comment ކޮމެންޓް