އަލްހާން ފަހުމީ އަލުން އެމްޑީޕީއަށް

ފެބްރުއަރީ 29، 2019: ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް އިންތިހާބުގައި ވާދަކުރަށް ވާ އަލްހާން ފަހުމީގެ ދާއިރާގައި ބޭއްވި ޖާފަތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް އެގާރަ ވަނަ އަހަރު އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީ އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

އޭނާ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ މާލޭގައި ރޭ ބޭއްވި އެ ޕާޓީގެ ކެމްޕެއިން ޖަލްސާއެއްގައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، އޭނާ އެމްޑީޕީން ވަކިވުމުގެ ފަހަތުގައި ވަނީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ރައީސް ނަޝީދަށް ފާޑުވިދާޅެ، އަލްހާން ވިދާޅުވީ ރައީސް ނަޝީދު އުޅުއްވަނީ ވެރިކަމާއި ބޮޑުވަޒީރުކަމުގެ ދަހިވެތި ކަމުގައި ކަމަށެވެ. އަދި އެމްޑީޕީ ދޫކޮށް ރައީސް ނަޝީދު އިސްވެ އުފެއްދެވި ޕާޓީ 'ދަ ޑިމޮކްރެޓްސް" އާ ގުޅޭ މީހުންނަކީ ގައުމަށް ބޭވަފާވެރި ވާ ބައެއްގެ ގޮތުގައި އަލްހާން ވަނީ ސިފަ ކުރައްވާފައެވެ.

"އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ އެއްވެސް ބޭފުޅަކު އެމްޑީޕީ ދޫކުރައްވާ ވަޑައިގަތުމަކީ އެއީ މިފަދަ ހުޟޫރަތްތެރި ދަނޑިވަޅެއްގައި ގައުމަށް ދެވޭ ވަރަށް ބޮޑު ބޭވަފާއެކޭ،" އަލްހާން ވިދާޅުވިއެވެ.

އަލްހާންގެ ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއެކު ޑީއާރުޕީންނެވެ. ނަމަވެސް ފަހުން އޭނާ އެމްޑީޕީއާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގައި ވެސް އުޅުއްވާފައި ވެއެވެ. އޭނާ ވަނީ 2019ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓިގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާފައެވެ. ނަމަވެސް އެ އިންތިޚާބުން އޭނާއަށް ހެންވޭރު އުތުރު ދާއިރާގެ ގޮނޑި ލިބިފައެއް ނުވެއެވެ.

އަލްހާންގެ ކުންފުނި، 'ކިންގް ކެޕިޓަލް ހޯލްޑިންގްސް' އިން ޕޮންޒީ ސްކީމެއް ހިންގި ކަމަށް އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މޭ މަހުއެވެ.

އެމައްސަލަ މިހާރު ވެސް ބަލަމުން ދާއިރު މިދިޔަ މަހުގެ 26ވަނަ ދުވަހު އޭނާގެ ޕާސްޕޯޓު ފުލުހުން ހިފެހެއްޓިއެވެ.

comment ކޮމެންޓް