މުރައިދޫގައި ރައީސް އެދިވަޑައިގަތީ ޕީޕީއެމަށް އޮތް އަޣުލަބިއްޔަތު އެމްޑީޕީއަށް ފުރޮޅައިލުމަށް

ހއ. މުރައިދޫގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި މީސްކޮޅު މަދު މުރައިދޫއިން މިދިޔަ އިންތިޚާބުގައި ޕީޕީއެމަށް ދިން އަޣުލަބިއްޔަތު، އެމްޑީޕީއަށް ދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މުރައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސިޔާސީ ޚިޔާލު ތަފާތުވުންތައް އެކަހެރިކޮށް އެމްޑީޕީއަށް ވޯޓު ދިނުން މުހިންމުކަމަށެވެ.

"އެއީ ގެއްލިގެން ދާނެ އެއްޗެއް ނޫން. ތިޔަ ބޭފުޅުން ތިޔަ ހޮއްވަވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. ވޭތުވެދިޔަ ތަނުގައި ވެރިއަކު ފަސް އަހަރަަށް ހޮވީމާ، އަދި އޭގެ ކުރީ ފަހަރު ހޮވީމާ ވެސް ވީގޮތް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 400 މީހުންގެ އާބާދީއެއް އޮންނަ މުރައިދޫއަކީ 2018ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް އަޣުލަބިއްޔަތު ދިން ރަށެކެވެ. ނަމަވެސް ޕީޕީއެމް ސަރުކާރުގައި މުރައިދޫގައި ހިންގުނީ އެންމެ ތިން މަޝްރޫއު ކަމަށާއި މި ސަރުކާރުގައި މި ރަށުގައި ހަތް މަޝްރޫއު ނިމި، އިތުރު ތިން މަޝްރޫއުގެ މަސައްކަތް ހިނގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"ތަފާތަކީ މިއީ ދެ ޕާޓީގެ. ޕީޕީއެމްގެ ވެރިކަމެއްގައި ކަން ކުރަމުން ދިޔަ ގޮތް ތަޖުރިބާ ކުރެވިފައި އޮތީ. މިއަދު މި ސަރުކާރު ވެސް ތިޔަބޭފުޅުން ތިޔަގެންދަވަނީ ތަޖުރިބާކުރަމުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އާބާދީ ކުޑަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ކޮންމެ ނިންމުމެއް ނިންމި ނަމަވެސް ސަރުކާރުގެ ސިޔާސަތުތައް މި ފަސް އަހަރުގެ ދައުރުގައި ތަންފީޒުކުރެއްވީ ސިޔާސީ ތަފާތުުކުރުންތައް ނުގެންގުޅުއްވައި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ހޮވަންވާނީ ވައުދުތައް ފުއްދަވައި، ސުލްހަ ގާއިމްކުރެވޭނެ ވެރިއެއްކަމަށެވެ.

"މި ރަށަށް ބޭނުންވެފައި ހުރި ކަންތައްތައް ތަފާތުކުުރުމެއް ނެތި އަޅުގަނޑުމެން މި އަންނަނީ ފުރިހަމަކޮށްދެމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ އިންތިޚާބުގައިވީ [2018ގައިވީ ވަައުދުތައް] ވައުދުތައް ބަރާބަރަށް ހުރިހާ ކަމެއް ކޮށްދީ މި ދައުރުގައި ނިންމައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރަށް ވެސް 'ހައްދުން ނައްޓައިގެން'ދާ މިންވަރަށް ފާޑު ކިޔުންތައް އަމާޒުވަމުން އައިކަމަށެވެ. ނަމަވެސް އެ ކަމަށް ސަރުކާރުން މާ ބޮޑު އަޅައިލުމެއް ނުދީ އިސްކަން ދިނީ ވައުދުތައް ފުރިހަަމަކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެން އަންނަ ދައުރެއްގައި މި ރަށުގައި:

  • ފެން ހިންދާ ނިޒާމާއެކު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން
  • ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުން
  • ފުޓުބޯޅަ ދަނޑާއެކު ވޮލީ ކޯޓެއް އަޅައިދިނުން
comment ކޮމެންޓް