ދިވެހިންގެ އެވްރެޖް އުމުރު 80އަށް މަތިކުރެވިއްޖެ: ނަސީމް

ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް--- ފޮޓޯ/ ރައީސް އޮފީސް

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ހޭދަ ކުރެވުނު ދިގު މުއްދަތުގައި ދިވެހިން ދިރިހުންނަ އެވްރެޖް އުމުރު 39 އަހަރުން 80އަށް މަތިކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ބޭއްވި ރައްމިއްޔާތުގައި ވާހަަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ސަރުކާރާއި ބައިނަލްއަގްވާމީ އިދާރާތަކާއި ގުޅިގެން ސިއްހީ ޚިދުމަތްތެރިންގެ ހިތްވަރާއެކު ކުރަމުން އައި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފޮނި ކަމަށެވެ. އެގޮތުން 1960ގެ އަހަރުތަކުގައި ދިވެއްސެއް ދިރިހުންނާނެ ކަމުގެ އެވްރެޖް އުމުރަކީ 39 އަހަރު ނަމަވެސް މިހާރު އެ އަދަދު 80 އަހަރަށް މަތި ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ޅަފަތުގައި ކުދިން މަރުވާ ނިސްބަތާއި ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް ވެސް ކުޑަކުރެވިފައިވާ ކަަމަށެވެ. ނަސީމް ވަނީ 1960 ގެ އަހަރުތަކުގެ ތެރޭގައި ފެށި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔަ އެކިއެކި ބަލިތައް ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެ ޕްރޮގްރާމްތަކުގެ ދަށުން މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން މެލޭރިއާ، ފައިލޭރިއާ، ޕޯލިއޯ، ހިމަބިހި އަދި ރުބެއްލާ ފަދަ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް ނައްތާލި އެއް ގައުމަށް ރާއްޖެ ވެފައިވާކަން ނަސީމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އުއްމީދުކުރަނީ 2030 ގެ ނިޔަލަށް ލެޕްރަސީ އަދި ޓީ.ބީ ބަލީގެ މައްޗަށްވެސް މިފަދަ ކާމިޔާބީއެއް ހޯދޭނެ ކަމަށް ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ މައިންނާއި ތުއްތު ކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށް ވެސް ގިނަގުނަ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އަދި ސަރަހައްދީ ނިސްބަތުން ބެލި ނަމަވެސް ރާއްޖެއިން ގިނަގުނަ ކުރިއެރުންތައް ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ވެކްސިންގެ ޒަރީޢާއިން ރައްކާތެރިކަން ލިބޭ ބަލިތައް ރާއްޖޭގައި ކޮންޓްރޯލް ކުރެވި، އަދި ބައެއް ބަލިތައް ނައްތާލެވިފައިވާ ކަން ނަސީމް ފާހަގަކުރެއްވިއެވެ.

"ބަނޑުގައިވާ ދަރިފުޅަށް، މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް ޖެހުމުގެ ފުރުސަތު ނެތް ގައުމެއްގޮތުގައި މިހާރު ވަނީ ރާއްޖެ ކަނޑައެޅިފައި،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، އެކަށީގެން ސިއްހީ ފަރުވާއާއި ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމު ކުރެވި، ސިއްހީ ޚިދުމަތަށް އަމިއްލަ ޖީބުން ބޮޑެތި ހޭދަތަށް ނުކޮށް ސޯޝަލް ހެލްތު އިންޝުއަރެންސްގެ ތެރެއިން މިހާރު ލިބޭ ކަމަށެވެ. އަދި މި ކާމިޔާބުތަކަށް ފަނޑުކަން ލިބޭ އެއް ސަބަބަކީ، ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް އިތުރުވަމުން ދިއުން ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ސިއްހީ މައްސަލަތައް. އަދި ބަވަނަ ވެފައިވާ މި ދުނިޔޭގައި، ރޯގާތައް ފަސޭހައިން ފެތުރި ޢާލަމީ ވަބާތައް ކުރުމަތިވުމުގެ ފުރުސަތު އިތުރުވެފައިވުން.،" މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ކުރަމުން އަންނަ މަސައްކަތަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ނަސީމް ވިދާޅުވީ ދިވެހިރާއްޖެ މިނިވަންވެ ރަސްމީކޮށް ޑަބްލިއުއެޗްއޯގެ މެންބަރަކަށް ވުމުގެ ކުރިންވެސް، އެޖަމްޢިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ޑަބްލިއުއެޗްއޯއިން ރާއްޖޭގެ އާއްމު ސިއްހަތަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދީފައި ވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ 1960 ވަނަ އަހަރު ތަޢާރަފު ކުރެވުނު މެލޭރިޔާ ނައްތާލުމުގެ މަސައްކަތުގެ ފުރިހަމަ ނަތީޖާއާ ހަމައަށް އަދި ވާސިލުވެވިފައިނުވި ނަމަވެސް، ދުނިޔެއިން ޕޯލިއޯ ފެތުރުން އެއްކޮށް ނިމުމަކަށް ގެނައުން ވަރަށް އަވަހަށް ކާމިޔާބު ކުރެވޭނެކަމަށް ބެލެވޭ ކަމަށެވެ.

"މުޅި ދުނިޔޭގެ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި، ތަފާތު ބަލިތައް ކޮންޓްރޯލްކޮށް، ބަލިތައް ދެނެގަތުމުގެ ތަހުލީލުތައް ކުރެވި ބަލިތަކަށް ބޭހާއި ފަރުވާ ކަށަވަރުކުރުމާ، އަދި ދުރާލާ ބަލިތަކުން ރައްކާތެރިވުމާ ބަލިތަކާއެކުވެސް އާއްމު ދިރިއުޅުމެއްގައި އުޅެވޭނެ އަދި ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓޭނެ، ފަންނީ އުސޫލުތަކާ މިންގަނޑުތައް އެކުލަވާލާ އާއްމުކުރުން ފަދަ ކަންކަމުގައި ޑަބްލިއުއެޗްއޯ އިން ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކޮށްފައި،" ނަސީމް ވިދާޅުވިއެވެ.

އެ ޖަމުއިއްޔާގެ އިތުރުން އެހެން ގިނަ ފަރާތްތަކެއް ފަންނީ އެހީތެރިން ލިބިގެން ރާއްޖެއިން ކޮވިޑްގެ ކޭސްތައް ފެތުރުން ކޮންޓްރޯ ކޮށް މުޅި ދުނިޔެއަށް އަގުހުރި ނަމޫނާއެއް ދައްކާ ދީފައިވާކަން ވެސް ނަސީމް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރެވުނު ބުރަ މަސައްކަތެއް ކަމަށް ވިދާޅުވި ނަސީމް ވަނީ ރައީސަށް ޝުކުރުދަންނަވާފައެވެ.

މިނިސްޓަރު ވިދާޅުވީ 1978 ވަނަ އަހަރު އިފްތިތާޙުކުރި "ޕްރައިމަރީ ހެލްތްކެއާ" ގެ ނިޒާމަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ މުޖްތަމައުގައި ގާއިމުވެފައިވާ އެހެނިހެން މުއައްސަސާތަކާ އަދި މަދަނީ ޖަމްއިއްޔާތަކުގެ ބައިވެރިވުމާ އެކު ހިންގުނު ނިޒާމެއް ކަމަށެވެ. އެގޮތުން ޕްރައިމަރީ ހެލްތްކެއާ ބައްޓަން ކުރެވިގެންދާއިރު ސިއްހީ ޚިދުމަތް ދިނުމުގައި ބައިވެރިވާ ހޮސްޕިޓަލްތަކާއި، ހެލްތް ސެންޓަރު ތަކަށް އެކަނި ބަރޯސާ ވެގެން ނަތީޖާ ހާސިލު ކުރެވެން ނެތް ކަން ފާހަގަ ކުރެއްވިއެވެ.

އެހެން ކަމުން، މުޖްތަމައުގެ ސިއްހީ ދުޅަހެޔޮކަން ގާއިމުކުރުމަށް މަސައްކަތް ކުރާއިރު އިޖްތިމާއީ އެހެން ޚިދުމަތްތެރީން ހިމެނޭހެން އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ފާއިތުވީ 20 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ކުރިން ތަސައްވަރު ކުރި ހަރުދަނާ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ބަލިކަށިވެ ނިކަމެތި ވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ކުރިން ކާމިޔާބު ކުރި ޕްރައިމަރީ ހެލްތް ކެއާގެ އުސޫލުތައް އަލުން ދިރުވައި ހަރުދަނާ ކުރުމަށް އަދުގެ ސަރުކާރުން ނިންމަވާ މިހާރު އެކަމަށް މަސައްކަތް ކުރައްވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ދައުލަތުގެ ފަރާތުން އިންތިޒާމީ ގޮތެއްގައި ރައްޔިތުންނަށް ސިއްހީ ޚިދުމަތް ދިނުމުގައި ހޭދަވި ދިގު މުއްދަތުގައި، އެންމެ ކާމިޔާބު ސިއްހީ ޚިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އިބްތިދާއީ ސިއްހީ ފަރުވާގެ ނިޒާމު ކަމަށެވެ.

"ނިޒާމަށް ގެނެވޭ މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވަން ބޭނުން ފުޅުވާ "ދުޅަހެޔޮ ހަށިހެޔޮ" މުޖްތަމައަށް ވާސިލުވުމުގައި ވަރަށް ލާއިގު ބަދަލެއް. އަދި މިއަދު ފާހަގަ ކުރަމުން ގެންދާ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރު ކަމުގައިވާ "ސިއްހަތު އެންމެނަށް" މި ޝިއާރާ ވަރަށް ގާތް ބަދަލެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މި ވެރިކަމުގައި ސިއްހީ ދާއިރާއަށް ގެންމުންދާ ތަރައްގީ އަމާޒު ކުރެވިފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށް ކަމަށް ނަސީމް ވިދާޅުވިއެވެ. އެއީ އުމްރާނީ ތަރައްގީއާއި، ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމެއް ގާއިމްކުރުމާއި، ސިއްހީ ޚިދުމަތްތައް ލާމަރުކަޒުކުރުން ކަމަށް ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމްގެ ވާހަކައިގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއާއި ބައިނަލްއަގްވާމީ އިދާރާތަކުން، ޚާއްސަކޮށް ޔޫއެންއޯޑީސީގެ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިއްހީ ދާއިރާއަށް އެކިގޮތްގޮތުން ޚިދުމަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް