އެމްޓީސީސީގެ ފައިދާއިން ހިއްސާއަކަށް 4ރ. ބަހަން ނިންމައިފި

އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ -- ފޮޓޯ/އެމްޓީސީސީ

އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ޕްރޮޖެކްޓުތަކާއި ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ސަރުކާރު ހިއްސާވާ ޕަބްލިކް ކުންފުނި، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 4ރ. ބަހަން އެ ކުންފުނީގެ ބޯޑުން މިއަދު ނިންމައިފިއެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓުގައިވާ ގޮތުގައި، އެ ކުންފުންޏަށް ލިބުނު 2.4 ބިލިއަން ރުފިޔާގެ އާމްދަނީން 200.9 މިލިއަން ރުފިޔާ ސާފު ފައިދާވިއެވެ. މިއީ އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 231.3 މިިލިއަން ރުފިޔާއަށް ވުރެ ދަށް އަދަދެކެވެ.

އަހަރުންއަހަރަށް ފައިދާ ދަށްވި ނަމަވެސް އެމްޓީސީސީގެ ބޯޑުން ވަނީ, ފައިދާއިން ބަހާ މިންވަރު ބޮޑުކޮށް ހިއްސާއަކަށް 6ރ. މަގުން 32.1 މިލިއަން ރުފިޔާ ބަހަން ނިންމާފައެވެ. އެމްޓީސީސީގެ ބޯޑުން 2021 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ބެހީ ހިއްސާއަކަށް 3.50ރ. އެވެ.

އެމްޓީސީސީގެ 2022 ވަނަ އަހަރުގެ މާލީ އުސްއަލިތައް

  • އާމްދަނީ - 2.4 ބިލިއަން ރުފިޔާ
  • ޖުމްލަ ފައިދާ - 316.6 މިލިއަން ރުފިޔާ
  • ހިންގުމުގެ ފައިދާ - 340.6 މިލިއަން ރުފިޔާ
  • ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާ - 236.4 މިލިއަން ރުފިޔާ
  • ވިޔަފާރި ފައިދާގެ ޓެކްސް - 35.4 މިލިއަން ރުފިޔާ
  • ސާފު ފައިދާ - 200.9 މިލިއަން ރުފިޔާ

އެމްޓީސީސީގެ ބޯޑުގެ ނިންމުން ފާސްކުރަނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

އެމްޓީސީސީގެ މެޖޯރިޓީ ހިއްސާދާރަކީ 64.20 ޕަސެންޓް ހިއްސާ އޮންނަ ދިވެހި ސަރުކާރެވެ. އެ ކުންފުނީގައި އާންމު ހިއްސާދާރުންގެ ނިސްބަތަކީ 31.15 ޕަސެންޓެވެ. ބާކީ 4.65 ޕަސެންޓް ހިއްސާ އޮންނަނީ މޯލްޑިވްސް ނެޝަނަލް ޝިޕިން ކޮމްޕެނީއަށެވެ.

comment ކޮމެންޓް