ބީއެމްއެލްގެ 2022 ވަނަ އަހަރުގެ އޭޖީއެމް މެއި 29އަށް ތާވަލުކޮށްފި

ބީއެމްއެލުން މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ މުހަންމަދު ނާއިލް ހުސެއިން

ބޭންކް އޮފް މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ، މިހިނގާ މެއިމަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ހިއްސާދާރުންގެ މައުލޫމާތައްޓަކައި ޤައުމީ ބޭންކުން ނެރެ އާއްމުކޮށްފައިވާ ހުސްވި އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ނޯޓިހުގައި ބުނެފައިވަނީ، ބީއެމްއެލްގެ އޭޖީއެމް މެއިމަހުގެ 29 ވާ ހޯމަދުވަހުގެ ރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނޭ ކަމަށެވެ.

އަހަރީ އާއްމު ޖަލްސާގައި ބައިވެރި ވެވޭނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

މި ޖަލްސާއަށް އެޖެންޑާކޮށްފައިވާ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ ބީއެމްއެލްގެ ވިޔަފާރީގެ ފައިދާއިން ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ހިއްސާގެ ފައިދާ ފާސްކުރުމާއި، ކުރިއަށްއޮތް އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވައި އެފަރާތުގެ އުޖޫރަ ކަނޑައެޅުން އޮންނާނެއެވެ. މީގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބުކުރުންވެސް އޮންނާނެއެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 40 ރުފިޔާގެ މަގުން 215.2 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ހިއްސާއަކަށް 20 ރުފިޔާގެ މަގުން ބެހުމަށް ނިންމާފައިވާ 107.6 މިލިއަން ރުފިޔާ އާއި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ބޯޑުން ނިންމި 20 ރުފިޔާއެވެ. އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ފާސްކުރި އަދަދު ބީއެމްއެލްއިން ވަނީ މިދިޔަ މަހުން ފެށިގެން އެ ބޭންކްގެ ހިއްސާދާރުންނަށް ޖަމާކުރަން ފަށާފައެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 20 ރުފިޔާގެ މަގުން ހުށަހަޅާފައިވާ 107.6 މިލިއަން ރުފިޔާގެ ފައިނަލް ޑިވިޑެންޑް ބެހުމަށް ހަމަޖެހިފައިވަނީ އަހަރީ އާއްމުޖަލްސާއިން ފާސްކުރުމަށްފަހު އެވެ. ފައިނަލް ޑިވިޑެންޑް ލިބޭނީ ބީއެމްއެލްގެ ހިއްސާދާރުންގެ ގޮތުގައި މިހިނގާ މެއިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ބީއެމްއެލްގެ އެކްސްޓަރނަލް އޮޑިޓަރުކަމަށް ކުރިމަތިލާފައިވަނީ:

  • އަރންސްޓް އެންޑް ޔަންގް: 1،573،560 ރުފިޔާ
  • ޕްރައިސްވޯޓަރ ހައުސްކޫޕަރސް: 1،587،600 ރުފިޔާ
  • ކޭޕީއެމްޖީ: 1،803،600 ރުފިޔާ

މި ތިން ކުންފުނީގެ ތެރެއިން 2023 ވަނަ އަހަރު ބީއެމްއެލް އޮޑިޓް ކުރުމަށް ބޯޑުން ހުށަހަޅާފައިވަނީ، އަރންސްޓް އެންޑް ޔަންގް އެވެ.

comment ކޮމެންޓް