ޑްރައިވިން ލައިސަންސް ޑިޖިޓަލްކޮށް، ލައިސަންސަށް އެދުންވެސް މިހާރު އޮންލައިންކޮށް

ނޫސްވެރިންނަށް ޑިޖިޓަލް ލައިސަންސް ކާޑު ދައްކާލަނީ--

ލައިސަންސް ކާޑު ޑިޖިޓަލްކޮށް، ޑްރައިވިން ލައިސަންސަށް އެދުމާއި، ލައިސަންސާ ގުޅުންހުރި ހުރިހާ ޚިދުމަތެއް ޓްރާންސްޕޯޓް މިނިސްޓްރީން އޮންލައިންކޮށް ދޭން ފަށައިފިއެވެ.

ލައިސަންސް ކާޑާ ގުޅުންހުރި ހުރިހާކަމެއް އޮންލައިންކޮށް ދޭން ފެށުމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، އިއްޔެއިން ފެށިގެން ޑްރައިވިން ލައިސަންސް ކާޑު ޕްރިންޓްކުރުން ހުއްޓާލާފައިވާކަމަށެވެ.

މީގެ އިތުރުން ޑްރައިވިން ލައިސަންސްއަށް އެދުމާއި، އެނޫންވެސް ލައިސަންސް އާ ގުޅުންހުރި ޚިދުމަތްތައް އިއްޔެއިން ފެށިގެން އޮންލައިންކޮށް ދޭން ފަށާފައިވާކަމަށް މިނިސްޓަރު ނަހްލާ ވިދާޅުވިއެވެ.

"މިއަދު އަދި އަޅުގަނޑުމެން މި ޑިޖިޓަލްކުރީ ޑްރައިވިން ލައިސަންސް އާ ގުޅޭ ޚިދުމަތްތައް އެކަނި. ޓްރާންސްޕޯޓް މިނިސްޓްރީން ދެމުންދާ ވަރަށް ގިނަ ޚިދުމަތްތަކެއް ކުރިއަށް އޮތް ތަނުގައި ޑިޖިޓަލްވެގެންދާނެ. މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލްގެ ތެރެއިން އެބޭފުޅެއްގެ ލޮގިނުން ވަނީމާ ލައިސަންސް ކާޑު ފެނިވަޑައިގަންނަވާނެ،" ނަހުލާ ވިދާޅުވިއެވެ.

ޑްރައިވިން ލައިސަންސް އާ ގުޅޭ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދޭން ނިންމުމުން މީގެ ފަހުން ލައިސަންސް ކާޑު ހެއްދުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންނަ އައުން ނިމުމަކަށް އައީކަމަށް މިނިސްޓަރު ނަހްލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ މިރޭ، ނޫސްވެރިންނާއި ވާހަކަދައްކަވަނީ--

މިކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިޙް ވިދާޅުވީ، ލައިސަންސް ކާޑު ޑިޖިޓަލްވުމުން އެއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

މިގޮތުން އެމީހަކު ހުރި ހިސާބެއްގައި ހުރެގެން ލައިސަންސަށް އެދުމުގެ ޚިދުމަތް މިހާރު އީފާހުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ. ލައިސަންސްގެ ޚިދުމަތަށް އޮންލައިނުކޮށް އެދޭގޮތަށް ހަމަޖެހުމުގެ ސަބަބުން މީގެކުރިން ލައިސަންސް ކާޑު ހެއްދުމުގެ ކަންކަން ވަރަށް ބޮޑަށް އަވަސްވެގެން ދާނޭކަމަށްވެސް އަލީ ޞާލިޙް ވިދާޅުވިއެވެ.

"މިހާރު ދެން މަގުމަތިން ދުއްވާފައިދަނިކޮށް ފުލުހުން މަޑުކޮށް ސުވާލުކުރިނަމަވެސް، ލައިސަންސް ކާޑު އަތުގައި ނެތިގެން މައްސަލައެއް ނުޖެހޭނެ. ފުލުހުންގެ ޕޯޓަލުން އެ ބޭފުޅެއްގެ ލައިސަންސް ކާޑު އޮތްތޯ ނުވަތަ ނޫންތޯ ބަލާލެވޭނެ. ލައިސަންސްގެ މުއްދަތު ހަމަނުވާނަމަ ޕޯޓަލްގެ ތެރެއިން ފުލުހުން ބަލައިގަންނާނެ،" އަލީ ޞާލިޙް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ތައާރަފުކުރި މި ޑިޖިޓަލް ލައިސަންސް ރާއްޖޭގެ އެތެރޭގެ ވައިގެ އުދުހުންތަކުގައިވެސް ބޭނުން ކުރެވޭނޭކަން އަލީ ޞާލިޙް ފާހަގަކުރެއްވިއެވެ.

މިނިސްޓްރީން ބުނެފައިވަނީ ޑްރައިވިން ލައިސަންސް އާ ގުޅޭ ޚިދުމަތްތައް ޑިޖިޓަލް ކުރުމާ ގުޅިގެން މިހާރު ޕްރިންޓު ކުރުމަށް ކުރަމުން ގެންދާ ހޭދަ ކުޑަވާނެ ކަމަށެވެ. އަދި ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރި ނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅެން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ އެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވުމާއެކު ރައްޔިތުންނަށާއި ތަންފީޒީ އިދާރާތަކަށް ވެސް އެތައް ގޮތަކުން ފަސޭހަ ވާނެ ކަމަށެވެ.

ކިއުގައި ނުޖެހި ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެކެވެ.

comment ކޮމެންޓް