ކާމިޔާބު ވޯލްޑް ކަޕަކަށްފަހު ފީފާގެ ރައީސް ރާއްޖެއަށް

ފީފާގެ ރައީސް އިންފަންޓީނޯ --ފޮޓޯ/ގެޓީ އިމޭޖަސް

ފުޓުބޯޅައިގެ ތާރީޚުގައި ވެސް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕު މުބާރާތް، ނިންމާލުމަށްފަހު ޗުއްޓީ ހޭދަކޮށްލުމަށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ އަތުވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އިންފަންޓީނޯ ރާއްޖެއައީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި އޭނާ ރާއްޖެ އައިސްފައި ވަނީ ހަ މީހުންނާއެކު ޕްރައިވެޓް ޖެޓެއްގައެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންފަންޓީނޯ ރާއްޖޭގައި ޖުއްޓީ ހޭދަކުރާނީ ވޯލްޑްރޮފް އެސްތޯރިއާގައެވެ.

މިއީ ފީފާގެ ރައީސަކު ރާއްޖެ އައި ދެވަނަ ފަހަރެވެ. މީގެކުރިން ފީފާގެ ކުރީގެ ރައީސް ޖޯސެފް ބްލެޓާ ރާއްޖެ އައިސްފައިވެއެވެ.

ގަތަރުގައި މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ދެމެދު ކުރިއަށްދިޔަ ވޯލްޑް ކަޕުގެ ފުރިހަމަކަމުން، ގިނަ ބައެއްގެ ތައުރީފު ގަތަރަށާއި، ފީފާއަށް އަދި ފީފާގެ ރައީސަށް ލިބިފައިވެއެވެ.

އެގޮތުން މިފަހަރުގެ ވޯލްޑް ކަޕުގެ ތެރެއިން ބޮޑު އެއްވެސް ކުށެއް ފެނިގެން ނުދާއިރު، މެޗުތައް ބެލުމަށް އެގައުމަށްދިޔަ އެކި ގައުމުތަކުގެ ސަޕޯޓަރުންނަށް ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ ފުރިހަމަކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

ފީފާގެ ރައީސް އިންފަންޓީނޯ މިއަދުގެ ވަގުތެއްގައި ރާއްޖެ އައިއިރު، މި މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި ވޯލްޑް ކަޕުގެ ތިންވަނަ ހޯދި ކްރޮއޭޝިއާ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ވެސް ރާއްޖެ އައިސްފައިވެއެވެ. އޭނާ ވެސް ޗުއްޓީ ހޭދަކުރަމުން ދަނީ ހަމަ ވޯލްޑްރޮފް އެސްތޯރިއާގައެވެ.

އަދި މި މަހުގެ ތެރޭގައި މީގެއިތުރުން ވެސް ގިނަ ފުޓުބޯޅަ ތަރިންތަކެއް ރާއްޖެ އައިސްފައިވެއެވެ. އެގޮތުން އުރުގުއާއިގެ ފޯވާޑް ލުއިސް ސުއަރޭޒްއާއި ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާގެ ނަން ފާހަގަކޮށްލެވެއެވެ.

ތައުރީފުގެ ބަސްތައް އޮހުނު ވޯލްޑް ކަޕުގައި ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު އިންފަންޓީނޯ ޗުއްޓީ ހޭދަކޮށްލައި، ހަމަޖެހިލުމަށް ރާއްޖެ އިހްތިޔާރު ކުރިއިރު، ރާއްޖެއަކީ އެފަދަ ބޮޑެތި ޝަހްސިއްޔަތުންގެ މެދުގައި އަބަދު ވެސް މަގުބޫލު މަންޒިލެކެވެ.

comment ކޮމެންޓް