އަންހެން ގައުމީ ޓީމުގެ ކޯޗަށް މުސާރަ ދޭން ފީފާއިން އެފްއޭއެމްއަށް އަންގައިފި

އެފްއޭއެމްގެ ރައީސް ބައްސާމް ގައުމީ އަންހެން ޓީމަށް ހަމަޖެއްސި ކޯޗް ބާބާ އާއި އެކު-- ފޮޓޯ/ އެފްއޭއެމް

ގައުމީ އަންހެން ޓީމުގެ ކޯޗުގެ ގޮތުގައި ކުރިން މަސައްކަތްކުރި ސާބިއާގެ ޑޭވޯ ބާބާއަށް ދޭންޖެހޭ މުސާރަ ދިނުމަށް ފީފާގެ ފުޓްބޯލް ޓްރައިބިއުނަލުން އެފްއޭއެމަށް އަންގައިފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް މިއަދު "ސަން"އަށް ވިދާޅުވީ ފީފާއިން ޑޭވޯއަށް ދޭންޖެހޭ މުސާރަ ދިނުމަށް އަންގައިފައިވާކަމަށެވެ.

ޑޭވޯއަށް ދޭންޖެހޭ މުސާރަ ނުދިނުމުގެ ސަބަބުން އެ މައްސަލަ އޭނާ ވަނީ ފީފާއަށް ހުށަހަޅާފައެވެ. އެ މައްސަލަ ބެލުމަށްފަހު ފީފާއިން މިދިޔަ މަހުގެ 16 ވަނަ ދުވަހު ނިންމީ ޑޭވޯއަށް ދޭންޖެހޭ މުސާރަ ދީ ނިންމުމަށެވެ.

ޑޭވޯއަށް މުސާރައިގެ ގޮތުގައި 35،000 ޑޮލަރު ދޭންޖެހެއެވެ. އެއީ މިދިޔަ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އޭނާއަށް ދޭންޖެހޭ މުސާރައެވެ.

ޑޭވޯ ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ގެނައީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާއާއެކު އެފްއޭއެމް އިން ހަދާފައިވަނީ ކިހާ މުއްދަތެއްގެ އެއްބަސްވުމެއްކަމެއް އޭރު އެފްއޭއެމް އިން ބުނެފައެއް ނުވެއެވެ.

ޑޭވޯ އަކީ އޭޝިއާގެ ގިނަ ގައުމުތަކެއްގައި މަސައްކަތްކޮށްފައިވާ އެޝިއާގެ ފުޓުބޯޅައިގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. ބާބާ ވަނީ މީގެ ކުރިން މޮންގޯލިއާގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ބަންގްލަދޭޝް ގައުމީ ޓީމުގެ އެސިސްޓްންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ޑޭވޯ އަކީ ގައުމީ އަންހެން ޓީމަށް އިރުޝަދުދިނުމަށް ގެނައި ދެވަނަ ބިދޭސީ ކޯޗެވެ. މީގެ ކުރިން ވަނީ ޖަޕާން އަންހެން ކޯޗެއް ވެސް ގައުމީ ޓީމަށް ގެނެސްފައެވެ.

comment ކޮމެންޓް