މަޖިލީހުގައި ދީނާ ހިލާފުވާ މަގުން ކަންކަން ހިނގާ ކަމަށް ބުނެ ނަސޭހަތުގެ ސިޓީއެއް

މަޖިލިސް -- ފޮޓޯ/ މަޖިލިސް

އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ވެސް ހިލާފުވާ މަގުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބައެއް ފަހަރު ކަންކަން ހިނގާކަމަށް ބުނެ، ރައްޔިތުންގެ މެމްބަރުންނަށް ނަސޭހަތްތެރިވެ ދީނީ އިލްމުވެރިންގެ ފަރާތުން މަޖިލިސް ރައީސަށް ސިޓީއެއް ފޮނުވައިފި އެވެ.

ފަސް އިލްމުވެރިޔަކު ސޮއިކުރައްވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މުސްލިމު އުންމަތެއްގެ ކަންކަން ހިންގާނެ ގޮތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތާއި ޒިންމާއާ ހަވާލުވެ ހުންނަވާ ކޮންމެ ފަރާތަކީ، އެބައެއްގެ ތެރޭގައި ދީނީ އުސޫލުތައް ހިފަހައްޓައި އިސްލާމް ދީން ނެގެހެއްޓޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ބައްޓަންކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތެއް ކަމަށެވެ.

އެ ސަބަބަށްޓަކައި މުސްލިމުންނަށް ނިސްބަތްވާ ކޮންމެ ތަނަކާއި ތަކެއްޗެއް ހިމާޔަތްކޮށް ރައްކާތެރިކޮށް މިނިވަންކަން ދެމިއޮންނާނެ ގޮތަށް ދެމެހެއްޓުމާއި، އެބައެއްގެ ތެރޭގައި އޭގެ އަސްލު ނުގެއްލި ރައްކާރެތިކަމާއެކު ދެމިއޮންނާނެގޮތަށް ކަންކަން ރާވަންޖެހޭ ކަމަށެވެ.

ރާއްޖެގައި މިއަދު އެ ހުރިހާ ކަމަކަށް ބަސްބުނުމުގެ ބާރު ލިބިދީފައިވާ އަދި އެ ޒިންމާތަކާ ހަވާލުކުރައްވައި އިމްތިހާނު ކުރިމަތި ކުރައްވާފައިވާ ފަރާތްތަކުގެ ގޮތުގައި ތިބި އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުން ހިމެނޭ ކަމަށް އެ ސިޓީގައިވެ އެވެ.

"ކަންމިހެން އޮތް ނަމަވެސް، މަޖްލިސް ތެރޭގައި ކަންހިނގާ ގޮތާއި ދެކެވޭ ވާހަކަތަކުގައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ވެސް ހިލާފުވާ މަގުން ބައެއް ފަހަރު ކަންކަން ހިނގައިދާކަމީ ފެނި ފާހަގަވާ ކަމެކެވެ." އެ ސިޓީގައިވެ އެވެ.

އެގޮތުން، މިފަހުން މާލޭގައި ޒުވާނުންނަށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމު ކޮށްދިނުމަށް ސަރުކާރަށް ގޮވަލާއި ހުށަހެޅި ގަރާރާ ގުޅިގެން މަޖިލީހުގައި ދެކެވުނު ވާހަކަތަކުގައި އެފަދަ އިސްލާމް ދީނާއި ގާނޫނު އަސާސީއާ ހިލާފު ވާހަކަތަކެއް ހިމެނުނު ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.

"ފަހެ، އިސްލާމީ އުސޫލުތަކާއި މުޖުތަމަޢުގެ އަހްލާގިއްޔަތު ފުނޑުފުނޑުވެ، ގައުމުގެ ޒުވާނުންނަކީ ހަރުދަނާ ވިސްނުމެއްނެތި މުނިފޫހި ފިލުވުމުގެ ނަމުގައި މަޖަލުގެ ތެރޭގައި ހިޔާލެއް ފިކުރެއް ނެތި ވިއްސިވިހާލި ވެގެންދާ ކުނިބުނިތަކެއް ފަދަ ބައެއް ކަމުގައި ވެގެންދިއުމަކީ ގައުމަށް ހެވެއް އެދޭ އެއްވެސް ފަރާތަކުން ބޭނުންވާނެ ގޮތެއްނޫނެވެ. އެހެނީ، ގައުމެއްގެ ކުރިމަގު ބިނާވެފައި އޮންނާނީ އެ ގައުމެއްގެ ޒުވާންޖީލުގެ ހަރުދަނާ ކަމާއި އެމީހުންގެ އަތްމައްޗަށް އުފަންވާ މުސްތަގްބަލުގެ ޖީލުތައް ތަރުބިއްޔަތު ވެގެންދާ ގޮތެއްގެ މައްޗަށެވެ." ސޓީގައި ވެއެވެ.

އިލްމުވެރިން ވިދާޅުވެފައި ވަނީ އެކަންކަން ބޮއްސުންލައިފި ނަމަ އެ ގައުމެއްގެ ކުރިމަގުގެ އުޖާލާކަން ގެއްލި ހަލާކުގެ ތެރެއަށް އެބަޔަކު ވެއްޓިގެންދާނެކަމަށެވެ.

"އެހެންކަމުން، الله ތައާލާ ތިޔަ ޢިއްޒަތްތެރި މަޖްލީހުގެ މެންބަރުންނާ މިއަދު ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ބާރުވެރި ކުރެއްވުމުން، ދުނިޔެ އިޞްލާޙުކުރާ ހެޔޮލަފާ އަދި ހެޔޮ ވިސްނޭ މީހުން ޢަމަލުކުރާނެ ގޮތް ކަމަށް އެކަލާނގެ އަންގަވާފައިވާ މަގު ޚިޔާރުކުރެއްވުމަށް ވަޞިއްޔަތް ކުރަމެވެ." ސިޓީގައި ވެއެވެ.

އިސްލާމް ދީނުގައި ޝަރުއު ކުރައްވާފައިވާ އިމުން ބޭރުން، މުނިފޫހި ފިލުވުމުގެ ނަމުގައި، ދިވެހި ފަސްގަނޑުގައި ފާހިޝް ކަންކަން އިތުރަށް ފެތުރި، ބޮޑެތި މުންކަރާތްތަކާއި ފަސާދަތައް އެކަމުގެ ސަބަބުން އާންމުވެ ދެމިގެންދާނެ ފަދަ ގޮތަކަށް ހިލޭ އަންހުންނާއި ފިރިހެނުން މަސްހުނިވެ، މުރޫއަތްތެރިކަމުގެ ފޭރާން ވީދިގެންދާނޭ ފަދަ ކަންކަމަށް މަޖިލީހުގައި ވަކާލާތު ކުރެވި، ތާއީދުކުރެވެން އެއްވެސް މިންވަރަކަށް ޖާގަދެވުމަކީ، މާތް اللهގެ ދަރުބާރުގައި ކުށްވެރިވެ އެހުރިހާކަމެއްގެ ހިތި ނަތީޖާގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަންކަން ކަމަށާއި އެހެންކަމުން އެކަލާނގެއަށް ބިރުވެތިވެ ތަގްވާވެރިވުމަށް، މެމްބަރުންނަށް ވަސިއްޔަތް ކުރާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"އަދި ބަޔާން ކުރެވުނު ފަދަ މާހައުލަކަށް މަގުފަހިވާ އެއްވެސް ކަމަކީ މިއިސްލާމީ އުންމަތުގެ އިހާއި ފަހުގެ އެއްވެސް އިލްމުވެރިއެއް ކުޑަވެސް ޚިލާފެއް ނެތް ފަދައިން ހުއްދަ ނޫން ކަމަށް އިއްތިފާޤުވެފައިވާ ކަންކަން ކަމުގައި ބަޔާންކުރަމެވެ." ސިޓީގައި ވެއެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ އެއީ ހަނދުމަށް ކޮށްދިނުމަށާއި، ދީނާ ހިލާފަށް ދާކަންކަން ހަމަ މަގަށް އެޅުވުމަށް އިލްމުވެރިންގެ ކޮނޑުގައި މާތްالله އަޅުއްވާފައިވާ ޒިންމާ އާއި ވާޖިބު އަދާކުރުމުގެ ގޮތުންނާއި، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަން މަނާނުކޮށް ތިބެއްޖެ ނަމަ އެންމެންގެ މައްޗަށް އާންމުވެގެންވާ ގޮތުގައި ފޮނުއްވަފާނެ ކަމަށް الله ތައާލާ އިންޒާރު ދެއްވާފައިވާ ފަދަ ކޯފާއަކުން ދިވެހި މުޖުތަމައު ރައްކާތެރިކޮށް އެކަމުގައި އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގެ ގޮތުން މަޖިލިސް މެންބަރުންނަށް ހަނދާން ކޮށްދިނުމަށް ފޮނުވާ ދެންނެވުމެއް ކަމަށެވެ.

އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ ޑރ. މުހައްމަދު އިޔާޒް، ޝައިޚް އަލީ ޒާހިރު، ޝައިޚް އަބްދުالله މުހައްމަދު، ޝައިޚް ނިމާލް މުހައްމަދު އަދި ޝައިޚް އިބްރާހީމް ފަރީދު އެވެ.

comment ކޮމެންޓް