ޒަކާތުގެ ސަބަބުން އިގުތިޞާދު ވަރުގަދަވެ، ލޮޅުންތަކުން ސަލާމަތްކޮށްދޭ: ޚުތުބާ

ނަމާދު ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު މާވީ

ޒަކާތް ދެއްކުމުގެ ސަބަބުން އިގުތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިގުތިޞާދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދޭކަމަށް ޚުތުބާގައި ބުނެފިއެވެ.

ފިތުރު ޒަކާތާއި އިގުތިޞާދާ ހުރި ގުޅުމުގެ މައްޗަށް މިއަދު ކީ ޚުތުބާގައި ބުނީ، އިސްލާމް ދީނުގައި ޒަކާތް ފަރުޟުކުރެއްވީ ހަމައެކަނި ފަގީރު މީހާގެ ހާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުގެ މަގުސަދުގައި ނޫން ކަމަށެވެ.

"އެކަަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމައުން ފަގީރުކަން ނައްތާލުން ކަށަވަރުކޮށްދޭ ނިޒާމެއް. ފަގީރުންނާއި މިސްކީނުންގެ ނިކަމެތި ހާލަތުން އަރައިގަނެ އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެން،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވިއްޖެ ނަމަ، ކުރާނެ މަސައްކަތެއް އަދި އަދާކުރާނެ ވަޒީފާއެއް ނެތިފައިތިބޭ އެތައް ބަޔަކަށް އާމުދަނީ ހޯދޭނެ މަގު ތަނަވަސް ވާނެކަމަށެވެ.

އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވެ، މުޖުތަމައުގެ ވަކި ބައެއްގެ އަތުގައި ފައިސާ ޖަމާކޮށް، ޚަޒާނާކޮށްފައި އޮންނަ އޮތުން ނިމުމަކަށް އަންނާނެކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ މިކަންކަން ކުރެވޭނީ، ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެން ކަމަށެވެ.

ޚުތުބާގައި ބުނީ، ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭންޖެހޭ ފަރުދީ އިހުސާންތެރިކަމެއް ނޫންކަމަށެވެ. އެއީ މުއްސަނދިންގެ މުދަލުން ނަގާ، އޭގެ ހައްގުވެރިންނަށް އަދާކުރަންޖެހޭ ހައްގެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މުސްލިމުން ޒަކާތް ނެރުމުގެ ބޭނުމަކީ އެއްވެސް ހާލަތެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ ހައްގުތަކަށް އަރައިގަތުން ނޫންކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

މިޒަމާނުގެ ހާލަތާ ގުޅުވައި ޚުތުބާގައި ބުނީ، ޒަކާތާމެދު ވަރަށް ގިނަމީހުންގެ ހޭލުންތެރިކަން ކުޑަކަމަށެވެ. އަދި ވިޔަފާރިވެރިއަކަށް ނުވުމުން ޒަކާތް ދައްކަން ނުޖެހޭނެ ކަމަށް ގަބޫލު ކުރާ މީހުންނާއި މުދަލު ޒަކާތް ދައްކަން ދެކޮޅުހަދާ މީހުން ވެސް އުޅޭކަން ޚުތުބާގައި ފާހަގަ ކުރިއެވެ.

ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ އެންމެން ޒަކާތް ދެއްކުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް