މަންޓާ އެއާގެ އެހީތެރިކަމާއެކު ރާއްޖޭގައި ސްކައިޑައިވިން ޕްރޮގްރާމެއް ފަށަނީ

މަންޓާ އެއާއާއި ސްކައިޑައިވް މޯލްޑިވްސް އައިލެންޑްސްއިން ބޭރުގެ އެހީތެރިކަމާއެކު 'ޖަމްޕް އިން މޯލްޑިވްސް'ގެ ނަމުގައި ސްކައިޑައިވް ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ޕްރޮގްރާމަށް އެހީތެރިވާ ބޭރުގެ ކުންފުނިތަކަކީ ސްކައިޑައިވް ގަތަރު އަދި ރިއޮލޯ ޓްރެވަލްސް އެވެ.

ރާއްޖޭގައި ސްކައިޑައިވްކުރުން ފުޅާކޮށް، މި ޕްރޮގްރާމުގައި ބޭނުންކުރާ މަންޓާގެ އެއާކްރާފްޓް ވެސް ރާއްޖެއަށް މިހާރުވަނީ ގެނެސްފަ އެވެ. ދާލު އެއާޕޯޓަށް ގެނައި ސެސްނާ 208 އެއާކްރާފްޓަކީ ސްކައިޑައިވިންއަށް ހާއްސަކޮށް މޮޑިފައިކޮށްފައިވާ އެއާކްރާފްޓްތަކެކެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްކައިޑައިވްކުރާ 'ޑްރޮޕް ޒޯން'ތަކެއް ކަނޑައަޅާނެ އެވެ. ފުރަތަމަ ޑްރޮޕް ޒޯން ދ. އަތޮޅުން ކަނޑައަޅާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ޑްރޮޕް ޒޯންތައް ކަނޑައަޅާނެ ކަމަށް މަންޓާއިން ބުނެ އެވެ.

ޖަމްޕް އިން މޯލްޑިވްސްގެ ދަށުން ލައިސެންސް ލިބިފައިވާ ޕްރޮފެޝަނަލް ސްކައިޑައިވަރުންގެ އިތުރުން ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ދިވެހިންނަށްވެސް ސްކައިޑައިވް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މަންޓާއިން ބުނީ މި ޕްރޮގްރާމް ފަށާނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް ފަށާނެ ވަކި ތާރީހެއް ހާމަކޮށްފައި ނުވެ އެވެ.

comment ކޮމެންޓް