މަންޓާ އެއާގެ ހަރަދުގައި ދެމީހަކަށް ހިލޭ ސްކައިޑައިވް ކޮށްލުމުގެ ފުރުސަތު!

ފޮޓޯ/މަންޓާ އެއާ

އަންނަ ފެބްރުއަރީ މަހު ބާއްވާ ސްކައިޑައިވް މޯލްޑިވްސް އިވެންޓުގައި ހިލޭ ސްކައިޑައިވް ކޮށްލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މަންޓާ އެއާއިން ފަށައިފި އެވެ.

މަންޓާ އެއާއިން ފެށި އެ ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އިނާމެއްގެ ގޮތުގައި، ދެ މީހަކަށް ސްކައިޑައިވް މޯލްޑިވްސް އިވެންޓުގައި ސްކައިޑައިވް ކޮށްލުމުގެ ފުރުސަތުގެ އިތުރުން އިވެންޓު ބާއްވާ ގއ. ކޫއްޑުއަށް ދާން ދެމީހުންގެ ދެކޮޅު ޓިކެޓު ލިބޭނެ އެވެ.

ޖެނުއަރީ 30ގެ ނިޔަލަށް ފޭސްބުކްގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވާން ކުރަން ޖެހޭ ކަމަކީ މަންޓާ އެއާއާއި ސްކައިޑައިވް މޯލްޑިވްސްގެ ޕޭޖަށް ލައިކް ކޮށްލުމަށްފަހު ޕްރޮމޯޝަނާ ގުޅޭ ޕޯސްޓުގައި އެ އިވެންޓަށް އެކުގައި ގެންދަން ބޭނުންވާ އިތުރު މީހަކަށް ޓެގްކޮށްލުމެވެ.

ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާނު ކުރާނީ ޖެނުއަރީ 31 ވަނަ ދުވަހުގަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން "ޓެންޑަމް ސްކައިޑައިވިންގ" ނުވަތަ އިންސްޓްރަކްޓަރަކާއެކު ސްކައިޑައިވް ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ އަލަށް ސްކައިޑައިވް ކުރާ ފަރާތްތަކަށް މިކަން ތަޖުރިބާ ކޮށްލަން އެންމެ ރަނގަޅު ގޮތް ކަމަށް މަންޓާ އެއާއިން ބުނެ އެވެ.

ޓެންޑެމް ސްކައިޑައިވިންގްގައި އެކަން ކުރަނީ ހާއްސަ ހާނެސްއަކާއި ދެމީހުންނަށް އެކުގައި ސްކައިޑައިވް ކުރެވޭ ފަދަ ދެ ޕެރެޝޫޓް ސިސްޓަމެއް ބޭނުންކޮށްގެންނެވެ. ޑައިވްގެ ފެށުމާ ހަމައިން ނިމެންދެން ވެސް ސްކައިޑައިވަރާއި އިންސްޓްރަކްޓަރު ހުންނާނީ ހާނެސްގެ ބާރުގައި ގުޅުވާލާފަ އެވެ.

ފެބްރުއަރީ 1 - 24ގެ ނިޔަލަށް ކޫއްޑޫގައި ބާއްވާ ސްކައިޑައިވް މޯލްޑިވްސްގައި 20 ގައުމަކުން ސްކައިޑައިވް ކުރުމުގެ ލައިސެންސް ލިބިފައިވާ 300 އަށްވުރެ ގިނަ މީހުން ބައިވެރިވެ، 5000 އަށްވުރެ ގިނަ ފަހަރަށް ސްކައިޑައިވް ކުރުމަށް ވަނީ ރާވާފަ އެވެ.

މި އިވެންޓަކީ ސްކައި ގައިޒް، ޕުލްމޭން ހޮޓެލްސްއެންޑް ރިސޯޓްސް، އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސް އަދި މާކިޔޯ ހޮޓެލްސް ކޫއްޑޫ ރިސޯޓް އަދި ސުނާމީ ސްކައިޑައިވާސްގެ އެހީތެރިކަމާއެކު ބާއްވާ އިވެންޓެކެވެ.

މި އިވެންޓުގެ އޮފިޝަލް ޓްރެވަލް ޕާޓްނަރަކީ މަންޓާ އެއާ އެވެ.

comment ކޮމެންޓް